ދުނިޔެ

ޓްރަމްޕް ކެމްޕެއިންގެ ތަޙުޤީޤު މަޖިލީހުގައި ބެނަން ހުންނެވީ ހަނު


އެންމެފަހުން އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކަންތައްތަކަށް ރަޝިޔާގެ ބާރާއި ނުފޫޒު ވަދެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބެލުމަށް އެމެރިކާގެ ކޮންގްރެސް އިން ކުރާ ތަޙުޤީޤަށް އެއްބާރުލުންދިނުމަށް ވައިޓް ހައުސްގެ ކުރީގެ މުސްތަޝާރު ސްޓީވް ބެނަން ދެކޮޅު ހައްދަވައިފިއެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޖާސޫސީ ކަންކަމާބެހޭ ކޮމިޓީއަށް ހާޒިރުކޮށް މިމައްސަލައިގައި ބެނަންއާ ސުވާލުކުރުމުން އޭނާވަނީ ޖަވާބު ނުދެއްވައި ހަނު ހުންނަވާފައެވެ.

ޖާސޫސީ ކަންކަމާބެހޭ ކޮމިޓީން ބެނަން އާ ކުރި ސުވާލުތަކުގެ ތެރޭގައި، ވައިޓް ހައުސްގެ ވަޒީފާގައި އޭނާ ހޭދަކުރެއްވި މުއްދަތާބެހޭ ސުވާލަކާއި އެނޫންވެސް ބައެއް ސުވާލުތައް ހިމެނެއެވެ.

ބެނަން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބެހޭގޮތުން ދާދިފަހުން ފޮތެއް ލިޔުނު މައިކަލް ވުލްފަށް މިކަމާބެހޭ ބައެއް މައުލޫމާތު ދެއްވާފައެވެ.

އެ ގޮތުން އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޓްރަމްޕްގެ ދަރިކަލުން ޓްރަމްޕް ޖޫނިއަރ އާއި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނަރ، ރަޝިޔާގެ ޤާނޫނީ ވަކީލަކާ ބައްދަލުކުރެއްވިކަން ބެނަން ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

އަދި އެއީ ޚިޔާނާތުގެ އަމަލެއް ކަމަށްވެސް ބެނަން ސިފަކުރައްވާފައިވެއެވެ.