ދުނިޔެ

ޤުދުސްގެ ހިމާޔަތުގައި މުސްލިމުން


ޤުދުސަކީ ޔަހޫދީންގެ ތަނަކަށް ހެދުމަށް އިސްރާއީލުން ކުރަމުންގެންދާ މަސައްކަތްތަކާ ކުރިމަތިލުމަށްޓަކައި ދުނިޔޭގެ ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ މުސްލިމުން ޤުދުސަށް ޒިޔާރަތްކުރުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސް ގޮވާލައްވައިފިއެވެ. ޢައްބާސް ވިދާޅުވީ ޤުދުސަށް ޒިޔާރަތްކުރުމަކީ އިސްރާއީލުގެ އަޅުވެތިކަމުގައި ޤުދުސް އޮންނަ އޮތުން ޤަބޫލުކުރުން ނޫންކަމަށާއި އޭގެ ބަދަލުގައި ޤުދުސަށް ޒިޔާރަތްކުރުން ވެގެންދާނީ ޤުދުސަކީ މުސްލިމުންގެ ބިމެއްކަން ކަށަވަރުކޮށްދިނުމުގެ ޢަމަލެއްގެ ގޮތުގައި ކަމަށެވެ.

ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް މިމޭރުމުން ވާހަކަދެއްކެވީ ޤުދުސް ޔަހޫދީ ކުރުމަށް އިސްރާއީލު ކުރަމުންގެންދާ މަސައްކަތްތަކާ ކުރިމަތިލެވޭނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރުމަށް މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން އިންތިޒާމްކުރި ބައިނަލްއަޤުވާމީ މަހާސިންތާއެއްގައި ތަޤުރީރު ކުރައްވަމުންނެވެ. ޢައްބާސް ވިދާޅުވީ، މުސްލިމުން ޤުދުސް އެކަހެރިކޮށްލުމަކީ އޭގެ ނާޖާއިޒު ފައިދާ އިސްރާއީލުން ނަގާނެކަމެއްކަމަށާއި އިސްރާއީލުގެ ބޭނުމަކީ ޤުދުސަކީ ހަމައެކަނި ޔަހޫދީންގެ ތަނެއްގެ ގޮތުގައި ހަދައި ޤުދުސްގައިވާ އިސްލާމީ މުޤައްދަސް ތަންތަން ހަލާކުކޮށްލުންކަމަށެވެ.

ޤުދުސްގައިވާ އިސްލާމީ މުގައްދަސް ތަންތަނުގެ ތެރޭގައި މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާ އާއި ގުއްބަތުއްސަޚްރާ މިސްކިތާއި އުމަރުބިން ޚައްތާބް މިސްކިތާއި ބުރާޤް ފާރާއި ގުސްދުގެ ޒާވިޔާތަކާއި އެނޫންވެސް އާޘާރީ އެތައް މިސްކިތްތަކެއް ހިމެނެއެވެ. ޤުދުސްގެ މިލްކުވެރިކަމާބެހޭގޮތުން ވާހަކަދައްކަވަމުން ޢައްބާސް ވިދާޅުވީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢުމާރާ ދެކޮޅަށް ޖިހާދުކުރުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއްކަމަށެވެ.

އަދި އިރުމަތީ ޤުދުސް ހިމެނޭގޮތަށް ހުޅަނގު އައްސޭރި އާއި ޣައްޒާގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރެވެންދެން އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢުމާރާ ދެކޮޅަށް ޖިހާދުކުރުމުގައި ފަލަސްތީނުގެ ރައްޔިތުން ދެމިތިބޭނެ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ. އަލްއަޒްހަރުން އިންތިޒާމް ކުރި ގުދްސާބެހޭ ބައިނަލްއަޤުވާމީ މަހާސިންތާގައި ދުނިޔޭގެ އަށްޑިހަ ހަތް ޤައުމަކުން ސަތޭކައަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

މި މަހާސިންތާގެ ބޭނުމަކީ ޤުދުސްގެ މައްސަލައިގައި މުސްލިމުން ހޭލުންތެރި ކުރުވުމާއި ޤުދުސްގައިވާ މުސްލިމުންގެ މުގައްދަސްތަންތަން ހަލާކުކުރުމަށް އިސްރާއީލު ހިންގާ ޖަރީމާތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމެވެ. ޤުދުސްގެ މައްސަލަ އެންމެފަހުން ހޫނުވެގެން ދިޔައީ ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް ބަލައިގަތުމަށާއި އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ނިންމެވި ނިންމެވުމާ ގުޅިގެންނެވެ. ދުނިޔޭގެ ޤައުމުތަކުންވަނީ އެމެރިކާގެ މި ޣައިރު ޤާނޫނީ ނިންމުން ޤަބޫލުކުރުމަށް ދެކޮޅު ހަދާފައެވެ.