ޚަބަރު

"ސަރުކާރު ވައްޓާލަން މަސައްކަތް ކުރާނަމަ ފިޔަވަޅު އާޅާނަން"


ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކޮންމެ ފަރާތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އާޅާނެކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ސަރުކާރު ވައްޓާލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުޙައްމަދު ސާލިޚް ގޮވާލެއްވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ. މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްދި ޚާއްޞަ ބަސްދީގަތުމެއްގައި ޑިފެންސް މިނިސްޓަރ ވިދާޅުވީ ޤާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތެއް ނުކުރެވޭނެކަމަށެވެ. އަދި އެކަން ކުރާ ކޮންމެ ފަރާތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އޮތް ސުލްޙަ މަސަލަސްކަން ނަގާލަން އުޅޭ ބަޔަކަށް އެފުރުސަތު ސަލާމަތީ ބާރުތަކުން ނުދޭނެކަމަށެވެ.

"ބޭނުން ހާގޮތަކަށް ރާއްޖޭގެ މަސްރަޙް ކިލަނބު ކުރާކަށް ފުރުސަތެއް ނުދޭނަން. އަދި ރާއްޖޭގައި އޮތް ސުލްޙަ މަސްލަހަތު ނަގާލަން އުޅޭ އެއްވެސް ބަޔަކަށް އެފުރުސަތު ނުދޭނަން. އަދި ބަޢާވާތް ކުރާކަށްވެސް ފުރުސަތު ނުދޭނެ. ރާއްޖޭގައި އޮތް ސަރުކާރު ޤާނޫނުގެ ބޭރުން ބަދަލުކުރާކަށް ސިފައިންނާއި ފުލުހުން ފުރުސަތެއް ނުދޭނެ" ޑީފެންސް މިނިސްޓަރ ވިދާޅުވިއެވެ. 

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ސަރުކާރު ވައްޓާލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުޙައްމަދު ސާލިޚް ގޮވާލެއްވީ ޖުމްހޫރީ ޕާޓީގެ މައިޖަގަހަ ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.