ޚަބަރު

ޝައިނީ ދެކުނުއެފްރިކާގެ ފިޝަރީޒް މިނިސްޓަރާ ބައްދަކުރައްވައިފި


މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ.މުޙައްމަދު ޝައިނީ ދެކުނު އެފްރިކާގެ ފިޝަރީޒް މިނިސްޓަރ ސެންޒެނީ ޒޮކްވާނާއާއި ބައްދަލުކުރައްވައިފިއެވެ.

ދެކުނު އެފްރިކާގެ ފިޝަރީޒް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމަގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ރާއްޖޭގެ މަސްވެރިން ބާނާމަހާއި ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކަށް ދެކުނު އެފްރިކާގައި ހުރި ފުރުޞަތުތަކާބެހޭ ގޮތުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިނިސްޓަރ ޑރ. ޝައިނީގެ މިދަތުރުފުޅުގައި ދެކުނު އެފްރިކާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފޮރިން މިނިސްޓަރާއެކު ބާއްވާ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހު ބާއްވާ އދ. ގެ ސަލާމަތީ މަޖިލީހަށް މެމްބަރުން ހޮވުމުގެ އިންތިޚާބުގައި ދިވެހިރާއްޖެއަށް ތާޢީދު ކޮށްދިނުމާއި ގުޅޭގޮތުންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ފިޝަރީޒް މިނިސްޓަރ ޑރ.ޝައިނީ އެފްރިކާގެ ތިން ޤައުމަކަށް ކުރައްވާ މިދަތުރުފުޅަކީ ޖޫން މަހު ބާއްވާ އދ.ގެ ސެކިއުރިޓީ ކައުންސިލްގެ އިންތިޚާބުގައި ދިވެހިރާއްޖެއަށް ތާޢީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޓެންޓޭނިޔާއަށާއި މޮޒަންބީކަށް ވަޑައިގެން އެޤައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އަދި ފިޝަރީޒް މިނިސްޓަރުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. 

މިދަތުރުފުޅުގެ ތެރެއިން އެޤައުމުތަކުގެ ފިޝަރީޒް މިނިސްޓަރުންނާ ބައްދަލުކުރެއްވުމުގެ އެންމެބޮޑު ބޭނުމަކީ އިންޑިއާ ކަނޑުގައި މަސްވެރިކަންކުރާ ޤައުމުތަކުގެ މެދުގައި މަސް ބާނާނެ މިންވަރު (ކޯޓާ) ކަނޑައެޅުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ހުށަހަޅާ ޕްރޮޕޯސަލްއަށް ތާޢީދު ހޯދުމެވެ. މިޕްރޮޕޯސަލަކީ އިންޑިއާ ކަނޑުގައި މަސްވެރިކަންކުރާ އައްސޭރި ފަށުގެ ޤައުމުތަކުގެ ލާބައާއި މަންފާއަށް އަދި ޚާއްސަކޮށް ދިވެހިރާއްޖޭގެ މަސްވެރިކަން ރައްކާތެރިކުރުމުގެ ގޮތުން ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހަޅާ ޕްރޮޕޯސަލެކެވެ. މިފަދަ ޕްރޮޕޯސަލެއްގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިރާއްޖެއާއި އަދި އައްސޭރިފަށުގެ މަސްވެރިކަންކުރާ އެހެނިހެން ގައުމުތަކުން މަސްވެރިކަންކުރާ މިންވަރު ދަށަށް ނުދާނެ ފަދަގޮތަކަށް ކޯޓާ ބެހިގެން ދިއުންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ އެފްރިކާ ބައްރަށް ކުރެެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.