ނޫސްވެރިން ދެކެ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ބްރައިޓަން އަތުން 4-0 ން މޮޅުވި މެޗަށް ފަހު ކޮންޓޭ ބުނީ އޭނާގެ ޓީމު ބަލިނުވެ 12 މެޗު ހަމަކޮށްފި ކަމަށާއި ނަމަވެސް މީޑިޔަތަކުން މަސައްކަތް ކުރަނީ ޓީމުގެ ތަސައްވަރު ގޯސްކޮށް ދައްކަން ކަމަށެވެ. ނަމަވެސް މިހާ ރަނގަޅު ނަތިޖާތައް ނެރޭއިރު ޓީމުގެ ރަނގަޅު ކަންތައްތައް ގެނެސްދޭން ޖެހޭ ކަމަށް ވެސް ކޯޗު ވަނީ ބުނެފައެވެ.
އޭނާ ބުނީ ފުރަތަމަ 11ގެ މުހިންމު ފަސް ކުޅުންތެރިން ނެތި ޗެލްސީ ނެރޭ ނަތިޖާތައް ވަރަށް ރަނގަޅު ކަމަށެވެ. އަދި މުހިންމު ގިނަ ކުޅުންތެރިން ނެތުމުން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ކުޅުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށާއި، މިވަގުތު ކޮންމެ ކުޅުންތެރިއަކު ވެސް އަންނަނީ 100 ޕަސެންޓް ދެމުން ކަމަށެވެ. އެޑެން ހަޒާޑް ދެ ލަނޑު ޖެހއިރު ޗެލްސީ އަށް ދެން ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ ވިލިއަން އާއި މޯސެސްއެވެ.
މެންޗެސްޓާ ޔުނައިޓެޑް ރޭ ބާންލީ އަތުން މޮޅުވީ އެންތަނީ މާޝިއަލް ޖެހި ހަމައެކަނި ލަނޑުންނެވެ. އާސެނަލް މޮޅުވީ ކްރިސްޓަލް ޕެލަސް އަތުން 4-1 ނެވެ. މި މެޗުގައި އާސެނަލްގެ ހަތަރު ލަނޑު ވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ 22 މިނިޓް ތެރޭގައެވެ. ލަނޑު ޖެހީ ނަޗޯ މޮންރިއާލް އާއި އެލެކްސް އިވޯބީ އަދި ލޯރަންޓް ކޮޝިއެލްނީ އާއި އެލްކްޒެންދްރޭ ލަކަޒާޓޭއެވެ.
މި މެޗުގައި ނުކުޅެއިން އެލެކްސިސް ސަންޗޭޒް ދެން ފެނިގެންދާނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އޭނާގެ ބަދަލުގައި ޔުނައިޓެޑުގެ ހެންރިކް މިކިތާރިއަން ވަނީ އާސެނަލް އަށް ބަދަލުވާން ނިންމައިފައެވެ.
ޕްރެމިއާ ލީގުގައި އާސެނަލް މިވަގުތު އޮތީ 42 ޕޮއިންޓާއެކު ހަ ވަނާގައެވެ. ޗެލްސީ އޮތީ 50 ޕޮއިންޓާއެކު ތިން ވަނާގައެވެ. ދެ ވަނަގައި ޔުނައިޓެޑް އޮތީ 53 ޕޮއިންޓާއެކުއެވެ.