އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އިންޓަރކޮންޓިނެންޓަލް ހޮޓަލަށް ހަނގުރާމަވެރިންގެ ބަޔަކު ދިން ޙަމަލާގައި ރަހީނުކުރި ހުރިހާ މީހުން ސަލާމަތްކޮށްފައިވާ ކަމަށް އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެ ވަގުތެއްގައި ހަނގުރާމަވެރިންނާ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ޢާއްމުންގެ ފަސް މީހަކު މަރުވެ އިތުރު ހަ މީހަކު ޒަޚަމްވެފައިވާ ކަމަށް އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.
އަދި މިކުރިމަތިލުންތަކުގައި ހަނގުރާމަވެރިންގެ ތިން މީހުން މަރުވެފައިވާ ކަމަށް އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާއިން ވަނީ ބުނެފައެވެ.
އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ އެހޮޓަލުގައި ތިބި ސަތޭކަ ފަންސާހަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފައެވެ.
ކާބުލްގެ މަޝްހޫރު ހޮޓަލަކަށް ހަނގުރާމަވެރިންގެ ބަޔަކު ޙަމަލާ ދީފައިވަނީ އަފްޣާނިސްތާނުގެ ހޮޓާތަކަށް އަމާޒުކޮށް ޙަމަލާ ދިނުމަށް ހަނގުރާމަވެރިން ރާވަމުންދާ ކަމަށް އެޤައުމުގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އިންޓަރކޮންޓިނެންޓަލް ހޮޓަލަކީ މީގެ ކުރިން ވެސް ހަނގުރާމަވެރިންގެ ވަރުގަދަ ޙަމަލާތަކެއް އަމާޒުވެފައިވާ ހޮޓަލެކެވެ.