ކުޅިވަރު

ވަރލްޑް ކަޕުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ ބޭނުންކުރަނީ


ކުރިއަށް އޮތް ވޯލްޑް ކަޕުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ ބޭނުންކުރަން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ނިންމައިފިއެވެ.

ނަމަވެސް މިނިންމުމަށް އަމަލުކުރާނެކަން ކަށަވަރުވާނީ އަންނަ މާޗު މަހު ބާއްވާ އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަންގެ ބޯޑުގެ ބައްދަލުވުމުގައި މިކަން ފާސްކޮށްފިނަމައެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ޤަވާއިދަށް އިސްލާހުކޮށް ވީޑިއޯ އެސިސްޓެންޓް ރެފްރީ ބޭނުން ކުރަން ފާސްވާނީ މަދުވެގެން ހަ ވޯޓު ލިބިގެންނެވެ. މިހެންވެ މިކަމަށް އަމަލުކުރަން ފާސްވާނެ ކަމަށް ފީފާއިން ވެސް ވަނީ ޔަގީން ކުރަންފަށާފައެވެ.

ފީފާގެ ޑެޕިއުޓީ ސެކްޓްރީ ޖެނެރަލް މިކަމާ ގުޅިގެން ވިދާޅުވީ ވީޑިއޯ އެސިސްޓެންޓް ރެފްރީ މިހާތަނަށް ޓެސްޓް ކުރުމަށް ބޭނުންކޮށްފައިވާއިރު އެއީ ކާމިޔާބު ހަރަކާތެއް ކަމަށެވެ. މިގޮތުން މިހާތަނަށް 804 މެޗުގައި 3000 ވުރެ ނިންމުންތައް ވީޑިއޯ އެސިސްޓެންޓް ރެފްރީ މެދުވެރިކޮށް ނިންމާފައިވާއިރު މިގެ ތެރެއިން %98 ނިންމުންތައް ކާމިޔާބު ކަމަށް ވެސް ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ވަނީ ފާހަގަކޮށްފައެވެ. މިހެންވެ މިއީ ކާމިޔާބު މަސައްކަތަކަށްވާތީވެ ފީފާއަށް މި ޓެކްނޮލޮޖި ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް ހަ ކުންފުންޏަކާއެކު މަޝްވަރާކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ވީޑިއޯ އެސިސްޓެންޓް ރެފްރީ ވޯލްޑް ކަޕުގައި ބޭނުން ކުރުމުގެ ހިޔާލު ބޮޑުވީ 2010 ވަނަ އަހަރު ޖަރުމަނުކޮޅަށް އިނގިރޭސިވިލާތުގެ ފްރޭންކް ލަމްޕާޑު ޖެހި ގޯލެއް ރެފްރީ ނުބައިކޮށް ނިންމި ހިސާބުން އިނގިރޭސިންގެ ބާރުއެޅުމާއެކުއެވެ.