އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢުތައް މިއަހަރު ހަތަރު އަތޮޅެއްގައި ކުރިއަށް ގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ މަޝްރޫޢު މިއަހަރު ހިންގުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތީ އުތުރުބުރިއާއި ތިލަދުންމަތީ ދެކުނުބުރިއާއި މިލަދުންމަޑުލު އުތުރުބުރިއާއި މިލަދުންމަޑުލު ދެކުނުބުރީގެ ރަށްރަށުގައެވެ. މިކަމާ ގުޅޭގޮތުން ވަހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ މިމަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް، އޭޑީބީގެ ލޯން އެހީގެ ދަށުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިދިޔަ އަހަރުވެސް އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓްތަކެއް ފަސް ރަށުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މިދިޔަ އަހަރު މިމަޝްރޫޢު ހިންގީ އައްޑޫ ސިޓީގެ ހިތަދޫ އާއި ހުވަދުއަތޮޅު އުތުރުބުރީ ވިގިލިނގިލިގަޔާއި ކޮޅުމަޑުލު ބުރުނީއާއި ފާދިއްޕޮޅު ކުރެންދޫ އާއި މާޅޮސްމަޑުލު ގޮއިދޫގައެވެ. މިއީ ދެމެހެއްޓެނެވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމުގެ ގޮތުން ކަރަންޓު އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ހިންގާ މަޝްރޫޢުކެވެ. މިރަށްރަށުން ކަރަންޓު ދިނުމަށް ތެލަށް ކުރާ ޚަރަދު ފަންސަވީސް އިންސައްތަޔާ ތިރީސް އިންސައްތަޔާ ދެމެދުގެ އަދަދަކަށް ކުޑަކުރެވިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓުގެ 30 އިންސައްތައަކީ އިޔާދަ ކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މިއަމާޒުގެ ދަށުން މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ދަނީ ސޯލާ ޕެނަލް ހަރުކޮށް އަވިން ކަރަންޓު އުފައްދަމުންނެއެވެ.