ކުޅިވަރު

ބިދޭސީ ކުޅުންތެރިންނާއެކު ނިއު ޕްރެކްޓިސް ފަށައިފި


އާ ސީޒަނަށް ތައްޔާރުވުމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފަރިތަކުރުންތައް ފަށައިފިއެވެ. 

އިއްޔެ ހަވީރު ރަސްމީ ފުޓްބޯޅަ ދަނޑުގައި ފެށި ފަރިތަކުރުން ތަކުގައި ނިއުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އެއްބަސްވުން އާކުރިކަން ކުރިން އިއުލާންކޮށްފައިނުވާ ޤައުމީ ކެޕްޓަން އަލީ އަޝްފާޤު ހިމެނެއެވެ. 

އެންމެ ފަހުގެ ޕްރިމިއަރ ލީގުގެ ޗެންޕިއަންކަންވެސް ހޯދި ނިއުރޭޑިއަންޓުން ވަނީ މި އަހަރުގެ އޭއެފްސީ ކަޕަށް އެޓީމުގެ ސްކޮޑް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެގޮތުން ނިއުއިން ވަނީ އަފްޣާނިސްތާނުގެ ޤައުމީ ޓީމުގެ ކެޕްޓަން ޒޯހިބް އިސްލާމް އަމީރީއާއި ސްޕެއިން ޑިފެންޑަރ ގޮޓޯޒް އާއި ސްޕެއިންގެ ފޯވާޑް ގުލާމް މަޓީ އެޓީމަށް ގެނެސްފައެވެ. ދެން އެޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިޔަކީ މިދިޔަ ސީޒަނުގައިވެސް އެޓީމަށް ކުޅުނު ސްޕެއިންގެ މިޑްފިލްޑަރ ކަންޑޭލާއެވެ. 

ނިއުއާ އަލަށް ގުޅުނު ދިވެހި ކުޅުންތެރިންނަކީ މާޒިޔާއާއި ޤައުމީ ޓީމްގެ  އެޓޭކިންގ މިޑްފީލްޑަރ މުހައްމަދު އުމެއިރާއި، ވެލެންސިއާގެ ފުލްބެކް ހިޝާމް ސަލީމް (ކޮކީ)އާއި، މިދިޔަ ދެ އަހަރު ކްލަބު އީގަލްސްގެ ކެޕްޓަންކަން ކުރި އިމްރާން ނަޝީދު (އިންމަ) އާއި، ކްލަބް އީގަލްސްއިން ވިދާލި ޒުވާން ކުޅުންތެރިޔާ ރިހާމް އަބުދުލްޤަނީއާއި، ޔޫތު ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ފޯވާޑް މާޒިޔާގެ އިބްރާހީމް އަތީގު ހަސަންއެވެ. ކީޕަރު އަބުދުﷲ ޒިޔަޒަންގެ ބަދަލުގައި، ނިއުއިން ގެނައީ ސިޔާމް މައުރޫފް ސޮކަރ ކަޕްގެ އެންމެ މޮޅު ކީޕަރު ހަސަން އަބްދުލް ހަކީމްއެވެ. 

އޭއެފްސީކަޕަށް ތައްޔާރުވުމަށް އަންނަ މަހުގެ 1-14 އަށް ތައިލެންޑުގައި ކޭމްޕް ކުރަން ނިއުއިން ކުރިން އޮތީ ނިންމާފައެވެ. ނަމަވެސް ސީޒަން ހުޅުވާ މެޗުގައި ފެބްރުއަރީ 6 ވަނަ ދުވަހު ޓީސީ އާއި ދެކޮޅަށް ކުޅެން ޖެހޭތީ ކޭމްޕްގެ ތާރީހް މިހާރު ވަނީ ފަސްކޮށްފައެވެ.