ޚަބަރު

މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރި ކުދިން ދޫކޮށްލައިފި


ދަރުމަވަންތަ ސްކޫލްގެ ދަރިވަރަކު ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި ހަތަރު ކުއްޖަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސާދަ އަހަރުގެ ކުއްޖަކާއި ފަަނަރަ އަހަރުގެ ދެކުދިންނާއި އަށާރަ އަހަރުގެ ކުއްޖެއްކަމަށެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފިރިހެން ކުދިންކަމަށް ފުލުހުން ބުނެއެވެ.

މި ކުދިންގެ ތެރެއިން ސާދަ އަހަރުގެ ކުއްޖާ ހައްޔަރުކުރުމަށްފަހު އާއިލާއާއި ހަވާލުކޮށްފައިވާކަަމަށް ފުލުހުން ބުނެއެވެ. އަދި ފަނަރަ އަހަރު ދެ ކުދިންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ޖުވައިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކުދިން ދޫކޮށްލުމަށް ކޯޓުން ނިންމާފައިވާކަމަށެވެ. މި މައްސަލާގައި ހައްޔަރުކުރި އަށާރަ އަހަރުގެ ކުއްޖާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިރޭ ކޯޓަށް ހާޒިރުކުރަން ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.

ދަރުމަވަންތަ ސްކޫލްގެ ގުރޭޑް ނުވައެއްގައި ކިޔަވަމުންދާ ދަރިވަރަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އެ ކުއްޖާ ސްކޫލް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި މިމަހުގެ ސަތާރަވަނަދުވަހުއެވެ.

ދަރުމަވަންތަ ދަރިވަރަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލަައިފައިވަނީ ތާއްޖުއްދީން ސްކޫލް ތެރެއަށް ބަޔަކު ވަދެ އެ ސްކޫލްގެ ދަރިވަރަކަށް ހަމަލާދިންތާ ސައުވީސް ގަޑިއިރުވެސް ނުވަނީސްއެވެ. ތާޖުއްދީން ދަރިވަރަށް ހަމަލާދިން މައްސަލަވެސް ފުލުހުން އަންނަނީ ތަހުޤީގުކުރަމުންނެވެ.