ފަހަކަށް އައިސް ބާސެލޯނާއިން ވިދާލި ބްރެޒިލްގެ އެންމެ އަލިގަދަ ތަރިއަކީ ރޮނާލްޑީނިއޯއެވެ. އޭނާގެ ހުނަރާއި ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެންމެ ވާދަވެރި ރެއާލް މެޑްރިޑުގެ ސަޕޯޓަރުން ވެސް ރޮނާލްޑީ އަށް ތައުރީފް އޮއްސާލިއެވެ. އާދާޔާ ހިލާފު މަންޒަރު ބަލަން އެއިރު ޓިވީ ދޮށުގައި ތިބި ކުޑަކުދިންގެ ތެރެއިން ގިނަ ބަޔަކު ހިތުގައި ބިންވަޅު ނެގެމުންދިޔައީ ރޮނާލްޑީނިއީ ފަދައިން ބާސެލޯނާގެ ޖާޒީގައި ވިދާލުމުގެ އުއްމީދުގައެވެ.
ގަދަ ދައްކާފައި ލިވަޕޫލް ދޫކޮށް ބްރެޒިލްގެ އުއްމީދީ ކުޅުންތެރިޔާ ފިލިޕް ކުޓީނިއޯ ބާސެލޯނާ އަށް ބަދަލުވީ ރޮނާލްޑޯނިއޯގެ ސަބަބުން ބާސެލޯނާ އަށް ކުޅެލުމުގެ ހުވަފެން ހަޤީގަތަަކަށް ހެދުމަށެވެ. ނަމަވެސް ކުޓީނިއޯ ބާސެލޯނާ އަށް ބަދަލުވި އިރު އުމުރުން 37 އަހަރުގައި ރޮނާލްޑޯނިއޯ އަބަދަށްޓަކައި ފުޓްބޯޅަ ބޫޓު ބާލާފިއެވެ.
ނަމަވެސް 2005 ވަނަ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ވަނީ ކުޓީނިއޯއަށް ވީޑިއޯއެއް މެދުވެރިކޮށް ހާއްސަ މެސެޖެެއް ފޮނުވައިފައެވެ.
img:http://s4.psmnews.mv/images/660x400/15171214340215.jpg|ކުޓީނިއޯ ބާސާއަށް ކުޅެދިން ފުރަތަމަ މެޗުގައި: ފޮޓޯ-އޭޕީ
"މިވީޑިއޯގައި މިވާހަކަ ދެއްކީ ރޮނާލްޑޯނިއޯ. އަހަރެންގެ އެދެނީ ކުޓީނިއޯ އަށް މިދުނިޔޭގައި އަބަދުވެސް ކާމިޔާބީ ލިބުމަށް. (ބާސެލޯނާގެ) ސަޕޯޓަރުން އުފާކޮށްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއްކޮށްދޭތި. އެެމީހުން އުފަވާނީ އެއިރުން. ހިތްހަމަ ޖެހިގެން މަސައްކަތް ކުރާތި، އެއިރުން އެހެން މީހުން ތާއީދުލިބޭނެ،" ރޮނާލްޑީނިއޯ ބުންޏެވެ.
ބްރެޒިލަށް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ރޮނާލްޑީނިއޯ އަކީ މަޝްހޫރު ލަޔޮނަލް މެސީ ވެސް ބާސެލޯނާގެ ސީނިއާ ޓީމަށް ގެނައުމަށް އެންމެ ބޮޑަށް ބާރުއެޅި ކުޅުންތެރިޔާއެވެ.
ކުޓީނިއޯ އޭނާގެ ފުރަތަމަ މެޗުގައި މިދިޔަ ބުރާސްފަރު ދުވަހު ދެއްކި ކުޅުމާމެދު ކޯޗު އާނެސްޓޮ ވަލްވާޑޯ ބުނީ ކުޅުންތެރިޔާއާމެދު ކުރެވެނީ ވަރަށް މަތިވެރި އުއްމީދެއް ކަމަށާއި ކުޓީނިއޯގެ ފަރާތުން މޮޅު ކަންތައްތަކެއް ފެނިގެންދާނެކަމަށް ވަރަށް ބޮޑު ޔަގީންކަމެއްގައި ހުރި ކަމަށެވެ.