ކުޅިވަރު

އިބްރަހިމޮވިޗްގެ ރެކޯޑް ކަވާނީ މުގުރާލައިފި


ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އެޑިންސަން ކަވާނީ ހޯދައިފިއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ ފޯވަޑް ސްވިޑްންގެ ޒްލަޓާން އިބްރަހިމޮވިޗްގެ 156 ގޯލުގެ ރެކޯޑުގެ ކަވާނީ މުގުރާލީ 157 ގޯލާއެކުއެވެ. އުރުގުއޭގެ ފޯވަޑް މި ރެކޯޑް ހޯދީ ފްރާންސް ލީގުގައި ރޭ މޮންޓްޕެލިއާ އަތުން 4-0 ން ޕީއެސްޖީ މޮޅުވި މެޗުގައެވެ.

އިޓަލީގެ ނަޕޯލީން 64 މިލިއަން ޔޫރޯ އަށް 2013 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވި ކަވާނީ ރެކޯޑް ޤާއިމް މިކުރީ 229 މެޗުންނެވެ. ނަމަވެސް އިބްރަހިމޮވިޗް އޭސީ މިލާނުން ޕީއެސްޖީ އަށް ބަދަލުވެ ހަތަރު އަހަރުތެރޭގައި ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ 180 މެޗުންނެވެ.

ރޭގެ މެޗުގައި ޕީއެސްޖީއަށް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާ ވަނީ ދެ ގޯލު ޖަހާދީފައެވެ. އަނެއް ގޯލު ޖެހީ އެންހެން ޑިމާރިއާއެވެ. ނޭމާ ޖެހި ފުރަތަމަ ގޯލަކީ ޕީއެސްޖީން ފްރާންސް ލީގުގައި ޖެހި 2000 ވަނަ ގޯލެވެ.