ޔޫރަޕުގެ ޖެނުއަރީ ޓްރާންސްފާ މާކެޓް 15 ދުވަހަށް ކުޑަކުރަން މަޝްހޫރު ކޯޗުން ބާރުއަޅަން ފަށައިފިއެވެ.
ނިއުކާސަލްގެ ކޯޗު ރަފާ ބެނީޓޭޒް ބުނީ މިކަން ކުރަން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާއި، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި އާސެނަލްގެ ކޯޗު އާސެން ވެންގާ އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް އެއްބަސްވާ ކަމަށެވެ.
އަބަދުވެސް ދެބަސްވާ ކޯޗުންގެ ތެރޭގައި ބެނީޓޭޒް އާއި މޮރީނިއޯ ހިމެނޭއިރު ބެނީޓޭޒް ބުނީ ޓްރާންސްފާ ޕީރިއަޑް ދެބައިކުޅަ އެއްބަޔަށް ކުޑަކުރަން އޭނާއާއި މޮރީނިއޯއަށްވެސް އެއްބަސްވެވުނު ކަމަށެވެ.
އިޓަލީގެ އިންޓަމިލާނާއި ސްޕޭނުގެ ރެއާލް މެޑްރިޑް އަދި ލިވަޕޫލާއި ޗެލްސީ އަށް ވެސް ކޯޗުކޮށްދިން މޮރީނިއޯ ބުނީ ޖެނުއަރީ ޓްރާންސްފާ މުއްދަތު 15 ދުވަހަށް ކުޑަކުރަންޖެހެނީ ޖެނުއަރީ އަންނަ އިރު ކުލަބަށް ގެންނާނެ ކުޅުންތެރިން ކުލަބުތަކުން ނިންމާފައިވާތީ ކަމަށެވެ. މިހެންވެ 30 ދުވަހަށް ޓްރާންސްފާ ޕީރިއަޑް ދިގުދެމިފައި އޮތުމުން މެޗުތަކަށް ތައްޔާރުވާން އުނދަގޫވާ ކަމަށާއި، ސަބަބަކީ ތަފާތު ކުލަބުތަކުން ކުޅުންތެރިންނާ ވާހަކަދައްކާ މަޝްވަރާކުރުން ދިގުލައިދާތީ ކަމަށެވެ.
މިކަމަކީ ކޮންމެ ކުލަބަކަށް ވެސް އުނދަގޫވާ ކަމަކަށްވާތީވެ، ޔޫއޭފާއިން މިކަމާމެދު ވިސްނާ އެކަށީގެންވާ ފިޔަވަޅެއް އަޅައިދިނުމަކީ ކުރަންވެއްޖެކަމެއްކަމަށްވެސް ބެނީޓޭޒް ވަނީ ބުނެފައެވެ. އޭނާގެ މި ވާހަކައަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ވެސް ވަނީ ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ.