ކުޅިވަރު

އަހަރެމެން ބަލިވީ މެސީގެ ސަބަބުން - އަލަވެޒް


ފަހު ފަނަރަ މިނިޓް ތެރޭގައި ބާސެލޯނާ އަތުން އަލަވެޒް ބަލިވީ ބާސެލޯނާގެ ލަޔޮނަލް މެސީގެ ސަބަބުން ކަމަށް އެ ޓީމުން ބުނެފިއެވެ.

އަލަވެޒްގެ ގުއިޓެއްޑީ ގޯލު ޖަހާފައިވަނިކޮށް، ބާސެލޯނާ އަށް ފުރަތަމަ ގޯލު ޖަހައިދިނީ ކެޕްޓަން އަންދްރޭސް އިނިއެސްޓާގެ ޕާހަކުން ލުއިޒް ސުއަރޭޒްއެވެ. މެޗުން މޮޅުވި ލަނޑު މެސީ ޖެހީ މެޗު ނިމެން އެންމެ ހަ މިނިޓަށްވެފައިވަނިކޮށެވެ.

މި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާގެ ޑިފެންޑަރު ސެމިއުލް އުމްޓީޓީގެ އަތުގައި ބޯޅަ ޖެހުނު ކަމަށްބުނެ ޕެނަލްޓީ އެއް ހޯދުމަށް އަލަވެޒްގެ ކުޅުންތެރިން ވަރަށް ބޮޑަށް މައްސަލަޖެއްސި ނަމަވެސް ރެފްރީ ވަނީ އަޅާނުލާ ދޫކޮށްލާފައެވެ.

މެޗަށް ފަހު އަލަވެޒްގެ ކޯޗު އަބެލާޑޯ ބުނީ އޭނާގެ ޓީމު ބަލިވީ މެސީގެ ސަބަބުން ކަމަށާއި، އެއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.

"ދެން ދައްކާނެ މާގިނަ ވާހަކައެއްނެތް. މެސީ ތަފާތަކީ. އޭނާގެ ސަބަބުން އަހަރުމެންނަށް ފަހު ވަގުތު މެޗު ގެއްލިގެންދިޔައީ،" ކޯޗު ބުންޏެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ ސްޕެނިޝް ލީގުގައި ކުޅޭ ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް ކަމަށާއި، މުޅި މެޗުގައި ޑިފެންސްކުރި ޓީމެއްގެ އަތުން ފަހު ވަގުތު މޮޅުވުމުން އޭނާ ހިތްހަމަޖެހޭ ކަމަށެވެ. ބާސެލޯނާގެ ކޯޗު ބުނީ އުމްޓީޓީގެ އަތުގައި ޖެހުނު ކަމަށް އަލަވެޒްގެ ކުޅުންތެރިން މައްސަލަ ޖެއްސި ބޯޅައާ މެދު ކޮންމެ މީހެއްގެ ހިޔާލުވެސް ތަފާތުވާނެ ކަމަށެވެ.

"އެއީ އޭނާ ގަސްތުގައި ކުރި ކަމެއްނޫން. އެބޯޅައިގައި ކޮންމެ މީހަކަށް ވެސް އަމިއްލަ އަށް ގޮތެއް ނިންމިދާނެ. އަހަރެން އޭނާކުރެން އެހިން. އެއީ ކުޅުންތެރިޔާ ގަސްތުގައި ކުރި ކަމެއްނޫން. އަހަރެން އެބޯޅައާމެދު ދެކެނީ ބާސެލޯނާ އަށް ފައިދާހުރި ނަޒަރަކުން. ރެފްރީންގެ ނިންމުން އަހަރެންނަށް ކަމުދޭ،" ކޯޗު ބުންޏެވެ. 

މި މެޗުން މޮޅުވުމުން ބާސެލޯނާ ލީގުގެ ކުރީގައި އޮތީ 57 ޕޮއިންޓާއެކުއެވެ.