ނުކުޅުވާ ބަހައްޓަން ޖެހުނަސް ބަދަލުގައި ކުޅުންތެރިއަކު ނުލިބި ޕެޓްރިކް އައުބަމިޔަން ދޫކޮށްލަން ބޭނުންނުވާ ކަމަށް ބޮރޫޝިޔާ ޑޯޓްމުންޑުން އާސެނަލްގައި ބުނެފިއެވެ.
އެ ޓީމުން މި ގޮތަށް ބުނީ ގެބޯންގެ ފޯވަޑް ގަތުމަށް ދެ ފަހަރެއްގެ މަތީން އާސެނަލް ބިޑް ކުރުމުންނެވެ. އިނގިރޭސި ލީގުގައި ޓީމު ވަރުގަދަ ކުރަން މަސައްކަތް ކުރަމުން އަންނަ އާސެނަލްގެ ކޯޗު އާސެން ވެންގާ އައުބަމިޔަން ގަތުމަށް ފުރަތަމަ ހުށަހަޅާފައިވަނީ 50 މިލިއަން ޕައުންޑެވެ. މިއަދަދު 60 މިލިއަނަށް ބޮޑުކުރަން އާސެނަލް ނިންމި ނަމަވެސް ޑޯޓްމުންޑް ބޭނުންވަނީ ފައިސާއާއެކު އާސެނަލްގެ ފޯވަޑް އޮލީވިއާ ޖީރޫޑް އެ ޓީމަށް ދިނުމަށެވެ.
ފޯވަޑް ލައިން ވަރުގަދަ ކުރަން ވެންގާ މަސައްކަތް ކުރާއިރު މިކަމަށް އެއްބަސްނުވެވިގެން އުޅެނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ވެސް މޮޅު ފޯވަޑަކު ބަހައްޓަން ވެންގާ ބޭނުންވާތީއެވެ.
އާސެނަލްއަށް ބަދަލުވާން ގަދަ ހަދާފައި އުޅޭތީ ޑޯޓްމުންޑް މިހާރު ވަނީ ވަގުތީ ގޮތުން އައުބަމިޔަން ސަސްޕެންޑްކޮށްފައެވެ. އެ ޓީމުން ބުނީ ކުޅުންތެރިޔާ ހުރީ މެޗުތައް ކުޅެން ނަފްސާނީގޮތުން ތައްޔާރަށްނޫން ކަމަށެވެ.