ޚަބަރު

ކުންފުނިތަކުން ދޭ ޚިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ


ކުންފުނިތަކުން ދޭ އެއްވެސް ޚިދުމަތަކަށް ހުއްޓުމެއް ނާންނާނެކަމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބުނެފިއެވެ.

ސަރުކާރުގެ ކުންފުނިތަކަށް ހިންގުމަށް އިސްކޮށްތިބި ފަރާތްތަކުން ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ވާހަދަކައްވަމުން އެމް.ޕީ.އެލް.ގެ ސީއީއޯ އިބްރާހިމް ޢަަބްދުއްރައްޒާޤު ހަލީމް ވިދާޅުވީ، ސަރުކާރާއި ސަރުކާރު ހިިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، އެއްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށެވެ.

އެގޮތުން އެމް.ޕީ.އެލް އިން ވިޔަފާރިވެރިންނަށް ދެމުންގެންދާ ޚިދުމަތްތައްވެސް އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ. އަދި ޤައުމު ހަލަބޮލިކުރުމަށް ގޮވާލާ ގޮވާލުންތަކަށް ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން އިޖާބަ ނުދެއްވުމަށް އިބްރާހިމް އަބްދުއް ރައްޒާޤު ގޮވާލެއްވި.

"އަޅުގަނޑުމެންނަށް އިދިކޮޅު ފަރާތްތަކުން މިއިވޭ އަޑުތަކަކީ ޤައުމު ހަލަބޮލިކުރުމަށް މަގުމައްޗަށް މީހުން އެއްވުމަށް ގޮވާލަމުންދާވާހަކަ. އަޅުގަނޑުމެން ހަމަ ހުރިހާ ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް ދަންނަވާލަން ބޭނުންވަނީ ޣައިރު ޤާނޫނީ އެއްވެސް އެއްވުމަށް އިޖާބަ ނުދެއްވާށޭ. ކޮންމެގޮތެއްވިޔަސް އަޅުގަނޑުމެންގެ ކުންފުނިތަކުގައި މިތިއްބަވާ މުވައްޒަފުންނަކީވެސް ޤައުމުގައި މި ހިންގާ ހުރިހާ މަޝްރޫޢުތަކާއި އަދި ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ ޚިދުމަތްތަކުގައި މެދުކެނޑުމެއްނެތި އެ ކަންތައްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރައްވަމުން ގެންދަވާ ބައެއް"، އެމް.ޕީ.އެލް.ގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާޤު ޚަލީމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ، ޤައުމަށް ދިމާވާ މިފަދަ ކޮންމެ ދަނޑިވަޅެއްގައި ޤައުމު ހަލަބޮލިކޮށް ތަކެއްޗަށް ގެއްލުންދިނުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންގެންދާކަމަށެވެ.

އަދި ރައްޔިތުންނަށް ޚިދުމަތްފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށް ގެއްލުންދޭނެކަމުގެ އިންޒާރުތައް މިހާރުވެސް ލިބެމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިމައްސަލަ މިހާރު ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަތޮޅުތަކުގައި ރާއްޖޭގެ ރައްޔިތުންނަށް ކަރަންޓާ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ޤާއިމްކޮށްފައިވާ ވަސީލަތްތަކަށް ހަމަލާދޭނެކަމުގެ އިންޒާރުތަކުގެ މެސެޖްތައް މިހާރު ލިބެމުން އެބަދޭ. އެހެންވީމަ މިކަމަކީ ދިވެހިރާއްޖޭގެ ރައްޔިތުން އަދި ޚާއްޞަކޮށް އަތޮޅުތަކުގެ ރައްޔިތުން ވަރަށް ސަމާލުވާންޖެހޭނެކަންކަން. ސަބަބަކީ މިއީ ވަކި ޕާޓީއެއްގެ ނުވަތަ ވަކި ސިޔާސީ ވިސްނުމެއްގެ ދަށުން އުފެދިފައިހުރި ނުވަތަ ޤާއިމްކުރެވިފައިހުރި ޚިދުމަތެއްނޫން"، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވިއެވެ.

ޕީ.ޕީ.އެމްގެ މި ޕްރެސްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ އިތުރުން ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަަރުން ބައިވެރިވެވަޑައިގެންނެވިއެވެ.