ޚަބަރު

ރާއްޖެޓީވީ ބަންދުކުރަން ޕީޕީއެމުން ގޮވާލައިފި.


ރާއްޖެޓީވީ ބަންދުކުރަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ޕީޕީއެމުން ގޮވާލައިފިއެވެ. ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނާއިބުރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފައްދާ ރައްޔިތުން ބައިބައިކުރުމަށް ރާއްޖެޓީވީން މަސައްކަތްކުރަމުންދާކަމަށެވެ. އެހެންކަމުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުންނާއި ސަލާމަތީ ބާރުތަކުން މިހާރުން މިހާރަށް ރާއްޖެޓީވީ ބަންދުކުރަން ގޮވާލާކަމަށެވެ. ސްޕްރީމް ކޯޓުން ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން އުޅޭކަމަށް އިތުބާރުހުރި ގޮތަކަށް މަޢުލޫމާތު ލިބިފައިވާކަމަށްބުނެ ދައުލަތުގެ ބަންޑާރަ ނައިބު މިއަދު ހެނދުނު ދެއްވި ބަޔާނާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމާއި ސަރުކާރު ހިންގާ ކޯލިޝަންގެ ސްޓޭންޑަކީ ސަރުކާރުގެ ސްޓޭންޑް ކަމަށާއި، ބަންޑާރަނައިބު ނިންމެވި ނިންމެވުމަށް ޕީޕީއެމުން ފުރިހަމައަށް ތާޢީދުކުރާކަމަށެވެ. 

"ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އަޅުގަނޑު ގޮވާލަން މިހާރުން މިހާރަށް ރާއްޖެ ޓީވީ ބަންދު ކުރަން. އެއީ މި ގައުމުގެ މިކަހަލަ ދަނޑިޥަޅެއްގައި ފިތުނަ ފަސާދަ އުފައްދަން ކުރާ މަސައްކަތް އެއީ އަޅުގަނޑު ގަބޫލުކުރާ ހަމައިގައި ގާނޫނީ ގޮތުން ކުށްވެރިވާނެ ކަމެއް. އެހެންވީމަ އަޅުގަނޑު މި ވަގުތުން ވަގުތަށް ޕީޕީއެމްގެ ނަމުގައި ދައުލަތުގެ އިދާރާތަކަށް މިހާރުން މިހާރަށް ރާއްޖެ ޓީވީ ބަންދު ކުރާށޭ. މިޤައުމުގެ އެއްވެސް ތަނެއްގައި ބައިބައިވުން އުފައްދަން ޖާގަދީގެން ނުވާނެ. ކެރެނީގޭ މުޙައްމަދު ނަޝީދު ބޭނުންހާ ވާހަކައެއް ދެއްކިގެންނުވާނެ މި ޤައުމުގެ ރައްޔިތުންނާ މުޚާތަބުކޮށް. އެފުރުޞަތު ދެވިގެންނުވާނެ". ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ބައިވެރިވެ، ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް ތާޢީދުކުރައްވާ ވާހަކަ ދައްކަވާފައިވެއެވެ.