ޓޮޓެންހަމް އަތުން ލިވަޕޫލް މޮޅުވާން ދިޔަ މެޗު ރޭ 2-2 ން އެއްވަރުވީ ލައިންސްމަނުންގެ ސަބަބުން ކަމަށް ބުނެ ކޯޗު ޔާގެން ކްލޮޕް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.
އޭނާ ބުނީ މެޗުގެ އެންމެ ފަހު މިނިޓްގައި ޓޮޓެންހަމުގެ ހެރީކޭން ޖެހި ޕެނަލްޓީ ރެފްރީ އެ ޓީމަށް ދީފައިވާއިރު އެއީ ވަރަށް ގޯސް ނިންމުމެއް ކަމަށެވެ.
ޓޮޓެންހަމުގެ ލެމާއަށް ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ކުރި ފައުލާ ގުޅިގެން ދީފައިވާ މި ޕެނަލްޓިއާ ބެހޭ ގޮތުން ވެންޑައިކްވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އޭނާ ބުނީ ކޭން ޑައިވްކުރީ ކަމަށާއި، އެކަމަކު އެއްވެސް މީހަކު އެ ވާހަކަ ނުދައްކާ ކަމަށެވެ.
ކްލޮޕް ބުނީ މެޗުގެ ކުރީކޮޅު ފެނިގެންދިޔަ ގިނަ ފައުލްތަކަށް ރެފްރީ އަޅާނުލައި ދޫކޮށްލާފައިވާ ކަމަށާއި، މެޗު ކުރިއަށް ދިޔަ ވަރަކަށް ކުޅުންތެރިން ވަރުގަދައަށް ފައުލްކުރަން ފެށީވެސް ރެފްރީ ދޫދިނުމުން ކަމަށެވެ. ނަމަވެސް ލައިންސްމަނުންގެ ހަރަކާތްތައް ފެނުނީ އެއާ ތަފާތުކޮށް ކަމަށާއި، މެޗެއްގައި ރެފްރީންގެ ޓީމުން ނިންމުންތައް ނިންމަންޖެހޭނީ ކޮންމެވެސް އެއް އުސޫލަކުން ކަމަށެވެ.
ކްލޮޕް ބުނީ ރެފްރީންނާ ބެހޭ ގޮތުން އޭނާގެ ހިތުގައި ހުރި އުދާސްތައް ހިފެހެއްޓުމެއްނެތި ބޭރުކޮށްލައިފިނަމަ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ސަސްޕެންޝަން އޭނާއަށް އަންނާނެކަން ޔަގީން ކަމަށާއި، މިހެންވެ އެވާހަކަ ނުދައްކަން މަޖުބޫރުވާ ކަމަށެވެ.
މި މެޗުގައި ޓޮޓެންހަމަށް ދެ ޕެނަލްޓީ ލިބިފައިވާއިރު އޭގެ ތެރެއިން ފުރަތަމަ ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު ލޮރިސް ކާރިއަސް ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް ދެ ވަނަ ޕެނަލްޓީ ކާމިޔާބުކޮށް ކޭން ޖެހި ގޯލަކީ ޕްރެމިއާ ލީގުގައި އޭނާ ޖެހި 100 ވަނަ ގޯލެވެ.
މި މެޗު އެއްވަރުވުމުން ލިވަޕޫލް އޮތީ 51 ޕޮއިންޓާއެކު ތިން ވަނާގައެވެ. ޓޮޓެންހަމް ފަސް ވަނާގައިވަނީ 49 ޕޮއިންޓާއެކުއެވެ.