ޚަބަރު

ކޯޓްގެ ހުރުމަތައް ބާރުތައް ހަނިނުކުރުމަށް ރައީސް ދަންނަވައިފި


ސުޕްރީމްކޯޓާއި ފަނޑިޔާރުންނަށް ލިބިދިފައިވާ ޤާނޫނީ ބާރުތަކާއި އިމްތިޔާޒުތައް އެހެން މުވައްސަސާތަކާއި އެ މުވައްސަސާތަކުގެ މުވަޒައްފުންނަށް ލިބިދީފައިވާ ބާރުތަކާއި އިމްތިޔާޒުތައް ގެއްލޭގޮތަށް ބޭނުންނުކުރުމަށް ސުޕްރީމްކޯޓަށް ރައީސުލްޖުމްހޫރިއްޔާ ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީ ފުޅެއްގައި ވިދާޅުވެފައިވަނީ ދިވެހި ދައުލަތަކީ ލިޔެވިފައިވާ ޤާނޫނު އަސާސީއަކުން ހިނގާނެ އަދި ހިންގޭނެ ގޮތުގެ އުސޫލްތައް ކަނޑައެޅި އިސްތިޤުރާރުވެފައިވާ ދައުލަތެއްކަމަށެވެ. ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ދިވެހި ދައުލަތާއި މުވައްސަސާތައް އަތުރާލެވިފައިވާގޮތާއި މި މުވައްސަސާތަކަށް ލިބިދީފައިވާ ބާރުތަކާއި ބާރުތައް ބޭނުންކުރެވޭނެ ގޮތުގެ އިންތައް ކަނޑައަޅާދީފައިވާކަން ފާހަގަކުރައްވަމުން ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުން މަޖިލީހާއި ޝަރުއީ ދާއިރާއާއި މިނިވަން މުއްސަތައްޤިއްލު އިދާރާތަކުގެ ޤާނޫނީ ބާރުތަކާއި އެ ބާރުތައް ބޭނުންކުރާ އިންތައް ކަނޑައަޅަދީފައިވާކަކަމަށް ރައީސްގެ ސިޓީފުޅުގައިވެއެވެ.

ފެބްރުއަރީމަހުގެ އެއްވަނަދުވަހުގެ ރޭ ސުޕްރީމްކޯޓުން އަމުރު ނެރުއްވުމާއި އެކު އެ އަމުރު ތަންފީޒުކުރުމަށް ދިމާވި މައްސަލަތަކާއި އަދި އެ އަމުރާ ގުޅިގެން ކުރަންޖޭހޭ ކަންކަން ކުރަންޖެހޭ ދައުލަތުގެ އެކި މަޤާމުތަކުގައި ތިބި މުވައްޒަފުންގެ ދުސްތޫރީ ވާޖިބުތައް ހުރަސް އެޅޭގޮތަށް ސުޕްރީމްކޯޓުން ކަނޑައަޅުއްވާފައިވާ ކޯޓް ގެ ހުރުމަތް ރައްކާތެރިކުރުމާއި ބެހޭ ޤަވައިދު ބޭނުންކުރައްވައިގެން ހުރަސްއަޅުއްވަމުން ގެންދަވާނަމަ ދައުލަތުގެ މުވައްސަސާތައް ހިންގެވުމަށް ދަތިވެ އެ މުވައްސާތަކުގެ މުވައްޒަފުންގެ ހައްގުތައް ގެއްލިގެން ހިގައިދާނެކަމަށެވެ. އަދި  އެކަންކަން އެހެން ހިގަމުންދާނަމަ ދިވެހި ދައުލަތުގެ ހިންގުމުގެ ބާރުތައް މަސްހުނިވެ ޤާނޫނު އަސާސީން ކަނޑައަޅާފައިވާ އިންތައް ގެއްލި ޤާނޫނީ އަސާސީގެ ބޭނުން އިސާހިތަކު ކެނޑިގެންދާނެކަމަށެވެ.

އަދި މިކަންކަން ހައްލުކޮށް ދިވެހި ދައުލަތާއި މުވައްސަސާތައް ހިގާކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން މަތިކޮށްފައިވާކަމަކަށްވާތީ ސުޕްރީމްކޯޓާއި ކޯޓުގެ ފަނޑިޔާރުންނަށް ލިބިދިފައިވާ ޤާނޫނީ ބާރުތަކާއި އިމްތިޔާޒުތައް އެހެން މުވައްސަސާތަކާއި އެ މުވައްސަސާތަކުގެ މުވަޒައްފުންނަށް ލިބިދީފައިވާ ބާރުތަކާއި އިމްތިޔާޒުތައް ގެއްލޭގޮތަށް ބޭނުންނުކުރުމަށް ސުޕްރީމްކޯޓަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދަންނަވާފައެވެ.