ޚަބަރު

ފަނޑިޔާރުން އެތައް މިލިއަން ރުފިޔާއެއް ނަގާފައިވޭ- ފުލުހުން


ކުރީގެ ރައީސް މައުމޫނާއި ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ޤާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރިކަމުގެ ހެކި ލިބިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއްޖެއެވެ.

ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑީސީޕީ އަބްދުﷲ ނަވާޒު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ ތުހުމަތަކީ ވެރިކަން ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި، ފަނޑިޔާރުންނަށް ރިޝްވަތުދީގެން ޝަރީޢަތަށް ނުފޫޒު ފޯރުވުމާއި ވެރިކަން ބަދަލުކުރުމަށް ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުންކަމަށެވެ. އަދި މިކަންކަމާ ގުޅޭ ހެލި ފުލުހުންނަށް ލިބިފައިވާކަމަށް ނަވާޒު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ހައްޔަރުކުރީ ރިޝްވަތު ހިފުމަށްފަހު ވަކި ގޮތަކަށް ޝަރީޢަތް ހިންގުމާއި ސަރުކާރު ވައްޓާލުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޝަރީޢަތް ހިންގުމާއި ދައުލަތް ހިންގުމާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސް އެޅުމުގެ ތުހުމަތުގައިކަމަށް ނަވާޒު ވިދާޅުވިއެވެ.

ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ ތުހުމަތަކީ ރިޝްވަތު ހިފުމާއި ޝަރުޢީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި، ވެރިކަން ވައްޓާލުމަށް މަޤާމުގެ ނުފޫޒު ބޭނުންކުރުމާއި ޖިނާޢީ އަދުލުގެ ނިޒާމަށް ގަސްދުގައި ހުރަސް އެޅުމެވެ. އަދި އަލީ ހަމީދާއި ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާތަކެއްވެސް ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުގެ މައްޗަށް ކުރާ ތުހުމަތަކީ  ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ނެގުން، އަދި އޭގެ މަންފާ ނެގުމެވެ. ފުލުހުން ވިދާޅުވީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ގޮދަޑި ދަށުން ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދާފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ ހައްޔަރުކުރި ފަރާތްތަކާއި ގުޅުން ހުރި އެތައް މިލިއަން ރުފިޔާއަކާއި އެތައް މިލިއަން ޑޮލަރެއްގެ މުޢާމަލާތްތަކާއި ބެހޭ ތަފްސީލްވެސް ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ މިހާރުވެސް މިކަމާއި ގުޅުންހުރި ތަހްޤީޤް ކުރިއަށްދާކަމަށެވެ.