ކުޅިވަރު

ޕީއެސްޖީގެ މައްޗަށް ކުރި ހޯދާ ރެއާލް ކްއާޓަރއާ ގާތަށް


ރޮނަލްޑޯގެ ދެ ލަނޑާއެކު ޕީއެސްޖީ ބަލިކޮށް، ވިދިވިދިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސްލީގު ކާމިޔާބުކުރުމަށް ކުރާ އުއްމީދުގައި ރެއާލްމެޑްރިޑް މުޙިއްމު ފިޔަވަޅެއް ގިރާކޮށްފިއެވެ. 

ގަދަ ސޯޅަ ޓީމް ވާދަކުރާ ބުރުގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީގެ މައްޗަށް ރެއާލް މެޑްރިޑް 3-1 ން ކުރި ހޯދީ ޕީއެސްޖީ ލަނޑެއް ޖަހާ ކުރި ހޯދާފައިވަނިކޮށެވެ. 33 ވަނަ މިނިޓްގައި އެޑްރިއަން ރެބިއޯގެ ލަނޑުން ޕީއެސްޖީ ކުރި ހޯދާފައިވަނިކޮށް، ރެއާލްއަށް ރޮނަލްޑޯ ނަތީޖާ ހަމަހަމަކޮށްދިނީ ފުރަތަމަ ހާފްގެ އެންމެ ފަހު މިނިޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިގޯލާއެކު ރޮނަލްޑޯ ވެފައިވަނީ ޗެމްޕިއަންސްލީގުގެ ތާރީޚުގައިވެސް އެއް ކްލަބަކަށް 100 ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ. ރެއާލްއަށް ރޮނަލްޑޯ ކުރި ހޯދައިދިނީ 83 ވަނަ މިނިޓްގައެވެ. ރެއާލްގެ ފަހު ލަނޑު 86 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ބެރްޒިލްގެ ލެފްޓް ބެކް މާސެލޯއެވެ. 

ކޮޕަޑެލްރޭއިން ކަޓާ، ލަލީގާ ދިފާއު ކުރުމުގެ އުއްމީދުވެސް ގެއްލިފައިވާ ރެއާލްއަށް މިހާރު ވަނީ ޗެމްޕިއަންސްލީގުގެ ކްއާޓަރ ފައިނަލުން ޖާގަ ހޯދުމުގެ ފުރުޞަތު ވަރަށް ބޮޑަށް ފަހިވެފައެވެ. ދެވަނަ ލެގުގައި ޕީއެސްޖީގެ ދަނޑުގައި ރެއާލް ނިކުންނާނީ އަންނަ މަހުގެ ހަވަނަ ދުވަހުގެރެއެވެ.