މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ހުޅުވާ މެޗު ކުޅެން ނުޖެހުމަކީ ޓީސީއަށް ލިބުނު އެޑްވާންޓޭޖެއް ކަމަށް ކޯޗު މުހައްމަދު ނިޒާމް ބުނެފިއެވެ.
އޭނާ ބުނީ ސީޒަން ހުޅުވާ މެޗު މުހިންމު މެޗަކަށްވަނީ ކުލަބުގެ ތާރީހު މުއްސަނދި ކުރުމަށްޓަކައި ކަމަށެވެ.
"އެގޮތުން ބަލާއިރު މިއީ ޓީސީއަށް ގެއްލުމެއް. އެކަމަކު ޖުމުލަކޮށް ބަލާއިރު ސީޒަން ހުޅުވާ މެޗު ކެންސަލް ކުރުމަކީ ޓީސީއަށް އެޑްވާންޓޭޖެއް. ސަބަބަކީ އެ މެޗު ކުޅެން ޖެހުނުނަމަ ލީގާ ކުރިމަތިލާއިރު ޓީސީގެ ކުޅުންތެރިން ވަރަށް ބޮޑު ލޮޑުވާނެ،" ނިޒާމް ބުންޏެވެ.
އޭނާ މިހެން ބުނީ ހުސްވި އަހަރުގެ ސީޒަން ނިމުމަށްފަހު މަހެއް ނުވަނީސް މި އަހަރުގެ ސީޒަނަށް ތައްޔާރުވާން ޕްރެކްޓިސް ފަށަން ޖެހުމުގެ ސަބަބުންނެވެ. މީގެ އިތުރުން އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް ދިއުމަށް ގާތްގާތުގައި ހަތަރު މެޗު ކުޅެން ޖެހުނުއިރު ބަނގްލަދޭޝް އާއި އިންޑިޔާއަށް ދިގު ދެ ދަތުރު ކުރަން ޖެހިފައިވާތީ އެވެ.
ސީޒަން ފެށުމުގެ ކުރިން ޓީސީ އެންމެ އަވަހަށް ކުޅޭނީ އަންގާރަ ދުވަހު އިންޑިޔާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ރަށުން ބޭރުގައެވެ. މި ދެ ޓީމު މާލޭގައި ކުޅެގެން ޓީސީ 3-2 ން ބަލިވެފައިވާތީ، ގްރޫޕް ސްޓޭޖަށް ދެވޭނީ ދެ ލަނޑުން ބެންގަލޫރު ބަލިކޮށްގެން އެކަންޏެވެ.