ކުޅިވަރު

ޗެލްސީއަށް އިތުރު ދުވަހެއް ލިބުނަސް ފަރުވާލެއްނެތް: ބާސެލޯނާ


ޗެމްޕިއަންސް ލީގުގައި ވާދަކުރާ މެޗުގެ ކުރިން އަރާމު ކުރަން ޗެލްސީއަށް އިތުރު ދުވަހެއް ލިބުނަސް އެކަމާ ފަރުވާލެއް ނެތް ކަމަށް ބާސެލޯނާއިން ބުނެފިއެވެ.

ކޯޗު އާނެސްޓޯ ވަލްވާޑޯ ބުނީ ސްޕެނިޝް ލީގުގައި ރޭ އެއިބާ އަތުން 2-0 ން ބާސެލޯނާ މޮޅުވި މެޗު ކުޅެން އޭނާ ހުރީ ވަރަށް ބޭނުންވެފައި ކަމަށެވެ. އަދި އެ މެޗު ކުޅެން ޖެހިގެން ޗެލްސީ މެޗަށް އެއްވެސް ކަމެއް މަދުނުވާނެ ކަމަށެވެ. ވަލްވާޑޭ ވަނީ ރޭގެ މެޗަށް ބާސެލޯނާގެ އެންމެ ވަރުގަދަ ޓީމުވެސް ކުޅެން ނެރެފައެވެ.

ލުއިސް ސުއަރޭޒާއި ޖޯޑީ އަލްބާގެ ގޯލުތަކުން އެއިބާ އަތުން ބާސެލޯނާ މޮޅުވި މެޗާއެކު ލީގުގައި އެ ޓީމު ވަނީ އަމިއްލަ ރެކޯޑަކާ ހަމަހަމަކޮށްފައެވެ. އެއީ ލީގުގައި ބަލިނުވެ 2011 ވަނަ އަހަރު އެ ޓީމުން ހަދާފައިވާ 24 މެޗުގެ ރެކޯޑެވެ.

ވަލްވަޑޭ ބުނީ މެޗަށް ތައްޔާރުވާން އިތުރު ވަގުތު ލިބުމަކީ ކޮންމެ ޓީމަކަށްވެސް ލިބޭ އެޑްވާންޓޭޖެއް ކަމަށާއި، ނަމަވެސް އޭނާގެ ޓީމު ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޗެލްސީގެ ދަނޑުގައި ކުޅެން ޖެހޭ ޗެމްޕިއަންސް ލީގު މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ.