ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލުމަށް ހަމަޖެހިފައިވާ ތަޢުލީމީ ދާއިރާގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭނަށް ބޭނުންވާ ފަންނީ މަޢުލޫމާތު އެއްކޮށް، މަޝްވަރާކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ. މި ޕްލޭނާގުޅޭ ގޮތުން މަޝްވަރާކުރުމަށް ހުޅުލޭ އައިލަންޑް ހޮޓެލްގައި މިއަދު ފެށި ބައްދަލުވުމުގައި ކަމާ ގުޅޭ ދާއިރާތަކުން 60 ބޭފުޅުން ބައިވެރިވިއެވެ.
އެޑިއުކޭޝަން ސެކްޓަރ ޕްލޭން 2018-2022 ނަމުގައި ބާއްވާ މިބައްދަލުވުން ކުރިއަށް ގެންދަނީ ގްލޯބަލް ޕާޓްނަރ ފޮރ އެޑިއުކޭޝަން ފަންޑުގެ އެހީގެ ދަށުންނެވެ. މިމަސައްކަތު ބައްދަލުވުމުގައި، އެކި މަޢުޞޫއު ތަކަށް ޚާއްޞަކޮށްގެން ކަރުދާސްތައް ހުށަހަޅާ މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ތަޢުލީމީ ޙާލަތު މިހާރު އޮތް ގޮތާއި ތަޢުލީމުގެ ފުރުޞަތު ފަހިވެފައިވާ މިންވަރާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމް ފޯރުކޮށްދޭ މިންވަރާއި ހުރިހާ ކުދިން ޝާމިލްކޮށްގެން ތަޢުލީމު ދެވޭ މިންވަރު ދެނަގަތުން ހިމެނެއެެވެ. މި ބައްދަލުވުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަޙުމަދު ޝަފީޢު ވިދާޅުވީ، މި ބައްދަލުވުމުގައި ސްކޫލްތަކުގެ ހިންގުމުގެ ނިޒާމާއި ތަޢުލީމީ ދާއިރާއަށް ސަރުކާރުން ހޭދަ ކުރާ މިންވަރުވެސް އެނގިގެންދާނެ ކަމަށެވެ.
''މިހާތަނަށް ކުރެވިފައި ހުރި ދިރާސާތަކުގެ އަލީގައި އެއްކުރެވިފައި ހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޙާލަތު ދެނެގަނެވި، ދެމެހެއްޓެނެވި ތަރައްޤީޤެ ލަނޑުދަނޑިތަކު އަމާޒުތަކަށް ފިޓްކޮށްގެން ރާއްޖޭގެ ތަޢުލީމި ނިޒާމު ދެން ކުރިއަށް އޮތް ތަނަށް މިސްރާބު ޖަހަންވީ ކޮން ދިމާލަކަށް ކަން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ދަނީ'' ސްޓޭޓް މިނިސްޓަރ ޝަފީޢު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެޑިއުކޭޝަން ސްކެޓަރ ޕްލޭން އެކުލަވާލުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް އަތޮޅުތެރޭގެ ސްކޫލްތަކުގައިވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޕްލޭނަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މާރޗް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިބައްދަލުވުމުގައި ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކާއި އަމިއްލަ މަދަރުސާތަކާއި ޔުނިސެފާއި ޔޫއެންޑީޕީ އަދި އަމިއްލަ ބައެއް ޖައްމިއްޔާ ޖަމާއަތްތަކުން ބައިވެރިވެއެވެ. ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަނީ ބޭރުގެ ކަމާބެހޭ ފަންނީ މާހިރުންނެވެ.