ކުޅިވަރު

ހަސަން، ދާއިމީކޮށް އޮސްޓްރޭލިޔާގައި ކުޅެން ހިނގައިދާނެތަ؟


މީގެ ކުރިން މާބޮޑަށް ފާހަގަނުވިޔަސް ގައުމީ ކްރިކެޓް ކެޕްޓަން ހަސަން އިބްރާހިމް މިހާރު ވަރަށް ބޮޑަށް މީހުންގެ ލޮލުގައި އަޅައިގެންފި އެވެ. އޭނާ އަކީ ބިދޭސީ ކުލަބުތަކަށް ކުޅުނު އަދި ކުޅެމުން އަންނަ ހަމައެކަނި ދިވެހި ކުޅުންތެރިޔާ އެވެ. މިވަރުން އަދި ނުނިމެ އެވެ.

އޮސްޓްރޭލިޔާގައި އޭނާ ކުޅުނު ދެ ކުލަބުގެ ތެރެއިން ކާލްޓަން ކުލަބުން ވަނީ ހަސަނަށް ދިގުމުއްދަތުގެ ކޮންޓްރެކްޓެއް ވެސް ހުށަހެޅައިފަ އެވެ.

ނަމަވެސް މި ހުށަހެޅުމާމެދު އޭނާ ވަކި ގޮތެއް ނިންމާނީ އޭޕްރީލް މަހު ގައުމީ ޓީމު ކުޅެން ޖެހޭ މުބާރާތަށް ފަހުއެވެ.

ނަމަވެސް ކުރިން މިދެއްކި ހުރިހާ ވާހަކަތަކާއެކު ހަސަނަކީ ޒުވާން ކުޅުންތެރިންނަށް ފެންނަން ހުރި އަލިގަދަ މިސާލަކަށް ވެއްޖެއެވެ.

މިކަން ކްރިކެޓް ކޯޗުންނާއި ހިންގުންތެރިން ވެސް ދަނީ ފާހަގަ ކުރަމުންނެވެ.

ހަސަނުގެ ވާހަކަ އަޅުގަނޑު ފަށާނީ އޭނާގެ ވަރަށް ޅަފަތުންނެވެ. ކުރިއާ ހިލާފަށް މިހާރު ކްރިކެޓް ކުޅުންތެރިންގެ އަދަދު މަދު ނަމަވެސް ބެޓް ހިފައިގެން ހަސަން ކުރިކެޓް ދަނޑަށް ނުކުތީ ކުރިމަތިވާނެ ގޮންޖެހުންތަކަށް ތައްޔާރުވެގެންނެވެ.

ރާއްޖޭގެ އެންމެ ބާރު އުކުންތެރިޔާގެ ގޮތުގައި ކްރިކެޓް ޕިޗްގައި އޭނާ އަރައިގަތީ ފިޔަޖަހާފައެވެ. މި ވަރުން ފުއްދާނުލައި އޭނާ ރާއްޖޭން ބޭރުން ވެސް ފުރުސަތު ހޯދަން ފެށިއެވެ.  

ދާދިފަހުން ހަސަން ވަނީ އޮސްޓްރޭލިޔާގެ ކްރިކެޓް ކުލަބަކަށް ކުޅެ ގިނަ ތަޖުރިބާތަކެއް ހޯދައިފަ އެވެ. އޭގެ ފަހުން ގައުމީ ޓީމާއެކު ފަތިރަކުރަން މިވަގުތު މާލެ އައިސްހުރި ހަސަން ފަރާތުން ފެނިގެންދަނީ ތަފާތު ކުރިއެރުންތަކެކެވެ.

ވޯލްޑް ކްރިކެޓް ރޭންކިންގެ ފަސްވަނާގައި އޮތް އޮސްޓްރޭލިޔާގައި އޭނާ ތަމްރީނު ހޯދީ އެގައުމުގެ ޕްރިމިއަރ ލީގުގެ ކާލްޓަން އާއ މެލްބަން ރެނެގާޑްސްގައެވެ. ފުރަތަމަ ކުޅުނީ މެލްބަންއަށެވެ.

img:http://s2.psmnews.mv/images/660x400/15191899167887.jpg|ހަސަން އޮސްޓްރޭލިޔާގައި

ހަގީގަތުގައި މި ފުރުސަތަކީ ރާއްޖޭގެ ފުޓްބޯޅަ ކުޅޭ ކުޅުންތެރިޔަކު އިނގިރޭސި ފުޓްބޯޅަ ލީގުގަ ކުޅުން ކަހަލަކަމެކެވެ. މި ފުރުސަތު އޭނާ އަށް ލިބުނީ ހަސަންގެ އިސްނެގުމާ އެހެން މީހުންގެ ބަސް ޤަބޫލުކުރުމާއި ކުރިއަށް ދިއުމަށް އޭނާގެ ހިތުގައި އޮތް ސާބިތުކަމެއްގެ ސަބަބުންނެވެ.  

ހަސަނަކީ ކުޑައިރު ވެސް ދިވެހި ކޯޗުން ފާހަގަކުރި ކުއްޖެކެވެ. ނަތީޖާއެއްގެ ގޮތުން އުމުރުން ފަނަރަ އަހަރުގައި ގައުމީ ޓީމުން ޖާގަ ހޯދިއެވެ.

މިހެންވެ ޕީއެސްއެމްގެ ސްޕޯޓްސް ޓީމުން ހަސަނާ ބައްދަލުކުރީމެވެ. އަލަށް ހެދި އިންޑޯ ކްރިކެޓް ހޯލުގައި ހުރެ ވާހަކަ ދައްކަމުން އޭނާ ބުނީ އޮސްޓްރޭލިޔާއިން އެންމެ ބޮޑަށް ދަސްވީ ބިދޭސީ ކުޅުންތެރިން ކުޅިވަރަށްދޭ އަހަންމިއްޔަތުކަމާއި، ކަމަށް ކަމޭހިތައިގެން ކުޅޭ ކަމާއި، އެމީހަކު ކުޅޭ ކުޅިވަރަކަށް ހުސްވާންޖެހޭކަން ކަން ކަމަށެވެ.

"ތަފާތަކަށް ފެނުނީ އެމީހުންގެ ތައްޔާރުވުން. އެމީހުން މިކުޅިވަރަށް ޑެޑިކޭޓް ވާމިންވަރާއި، ކުރިއަރުވަންކުރާ މަސައްކަތް. ރާއްޖޭގެ ކުޅުންތެރިންނަށް ވެސް އެވަރަށް މަސައްކަތް ކުރެވެއްޖިއްޔާ އެލެވެލަށް ދެވޭނެ" ހަސަން ބުންޏެވެ.

އެހެން ކުޅިވަރުތަކެކޭ އެއްފަދައިން ރާއްޖޭގެ ގިނަ ކްރިކެޓް ކުޅުންތެރިންނަކީ ވެސް ވަޒީފާ އަދަކުރަމުން ޕާޓް ޓައިމްކޮށް ކުޅިވަރުގައި އުޅޭ ބައެކެވެ. ނަމަވެސް ހަސަން ބުނީ ވަޒީފާ އަދާކުރަމުން ކުޅިވަރަށް ދޭންވާ ސަމާލުކަން ރާއްޖޭގެ ކުޅުންތެރިންނަކަށް ނުދެވޭކަން އޮސްޓްރޭލިގައި އޭނާ ކުރި ތަޖުރިބާއިން ދަސްކޮށްދީފި ކަމަށެވެ. އަދި ކުޅިވަރުގައި ކުރިއަށްދެވޭނީ ހިތްވަރާއެކު ގަދަ އަޅައި މަސައްކަތްކޮށް ނިކަން ރަނގަޅަށް ތައްޔާރުވެގެން ކަންވެސް އޮސްޓްރޭލިޔާގެ ތަޖުރިބާގެ އަލީގައި ހަސަން ފާހަގަކުރި އެވެ.

ހުސްވި އަހަރު މެލޭޝިޔާގެ ޕިނޭންގަށް ވެސް ކުޅުނު ހަސަން ބޭރުގައި ކުޅެނީ ކީއްވެތޯ ވެސް އަހާލީމެވެ. 

ޖަވާބުގައި ހަސަން ބުނީ ބޭރުން ފުރުސަތު ހޯދައިދެނީ އޭނާގެ ޕާސަނަލް ޓްރެއިނަރު ކަމަށްވާ ކުރިން ބަންގްލަދޭޝް އާއި އަފްގާނިސްތާނާއި ޕާކިސްތާން އަދި އޮސްޓްރޭލިޔާގެ ޓީމްތަކުގައި މަސައްކަތް ކުރި އޮސްޓްރޭލިޔާގެ ޑީން ވުޑްފޯޑް ކަމަށެވެ.

img:http://s1.psmnews.mv/images/660x400/15191899490530.jpg|ހަސަން ޕްރެކްޓިސްގައި

ބޭރު ލީގުތަކުގެ ތަޖުރިބާއާއެކު ހަސަން މިހާރު ތައްޔާރުއެވަނީ އޭނާގެ އަސްލު ޒިންމާ ކަމަށްވާ ދިވެހި ގައުމީ ޓީމުގައި ތަފާތު ދައްކާލުމަށެވެ. މިކަމަށް އޭނާ ތައްޔާރުވާއިރު ކްރިކެޓްގެ އެންމެ އިސްވެރިން ތިބީ ހަސަނާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.

ގައުމީ ކޯޗު އަހުމަދު ނީޝާމް ފަށައިގަތީ ވެސް ހަސަނަށް ތައުރީފް ކުރަމުންނެވެ. "އަހަންނަށް ފާހަގަވަނީ ހަސަންގެ ކޮމިޓްމެންޓާއި އޭނާގެ ޑިސްޕިލިން. މިކަމަށް އޭނަ ހުރި ޝައުގުވެރިކަން." ނިޝާމް ބުންޏެވެ.

ކުރިކެޓް އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު އަފްލާހުގެ ބަހުންނަމަ ހަސަނަކީ އަބަދުވެސް ކުރިއަށް ފިޔަވަޅެއް އަޅަން ފުރުސަތަކަށް އެދިއެދި ހުންނަ ކުޅުންތެރިއެއް ކަމަށެވެ.

"ހަސަން އަކީ އޮޕަޗުނިސްޓެއް. އޭނާ ފާހަގަކުރެވެނީ އެއްވެސް ކަމެއްގައި ބަލަންނުހުންނަ ކުޅުންތެރިއެއްގެ ގޮތުގައި. މިއީ (ބޭރުގެ ކުލަބުތަކުން ފުރުސަތު ހޯދުން) އޭނާގެ އަމިއްލަ މައްސަކަތުން ހޯދި ކާމިޔާބީއެއް. (މިއީ) ރާއްޖޭ ކުރިކެޓަށް ލިބުނު ބޮޑުކުރިއެރުމެއް.

އަރަމުން އަންނަ ޒުވާން ކުޅުންތެރިން ބަލަހައްޓައިގެން ނުތިބެ ހަސަނުގެ މިސާލުން ކުރިއަރައިދިޔުމަށް  މަސައްކަތްކުރަންޖެހޭ،" އަފްލާހު ވިދާޅުވި އެވެ.

ނަމަވެސް ކޯޗާއި ކްރިކެޓްގެ އިސްވެރިންނާއި ކުޅުންތެރިންނަށް ހަސަނުގެ ކުރިއެރުމުން ހިތަށް ފިނިކަމެއް ލިބޭނީ އޭޕްރީލްމަހު ކުވެއިތުގައި އޮންނަ ވޯލްޑްކަޕް ކޮލިފައިންގެ ސަބް ކޮލިފައިންގައި ޤައުމީ ޓީމްގެ ނަތީޖާ ރަނގަޅުވެގެންނެވެ. މިހެންވެ މީއީ މިވީހާތަނަށް އޭނާ ހޯދި ތަޖުރިބާ އާއި ހޯދި ކުރިއެރުމާއެކު ނަތީޖާ ނެރެންވީ ވަގުތެވެ. އަހަރުމެން އެދެނީ އަބަދުވެސް ކާމިޔާބީ އަށެވެ.