ކުޅިވަރު

ޗެލްސީން ހުއްޓުވަން ޖެހޭނީ ހަޒާޑް: ރަކިޓިކް


ޗެމްޕިއަންސް ލީގުގައި މިރޭ ބާސެލޯނާ އާއި ޗެލްސީ ކުޅޭ މެޗުގައި ޗެލްސީން އެންމެ ބޮޑަށް ހުއްޓުވަން ޖެހޭ ކުޅުންތެރިއަކީ އެޑެން ހަޒާޑް ކަމަށް ބާސެލޯނާގެ ކުޅުންތެރިން ބުނެފި އެވެ.

މިޑްފީލްޑަރު އިވާން ރަކިޓިކް ބުނީ މިފަހުން ކުޅުނު މެޗުތަކުގައި ހަޒާޑްގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި, އޭނާ އަކީ ވަރަށް ހަލުވި ކުޅުންތެރިއަކަށް ވުމުން ވަރަށް ބޮޑަށް ފަރުވާތެރިވާނެ ޖެހޭނެ ކަމަށެވެ.

"އެކަމަކު ޗެލްސީ އަކީ އޭނާ އެކަންޏެއްނޫން. އޭނާ އަކީ ވަރަށް ހަލުވި ކުޅުންތެރިއެއް. މިހާރު ހުރީ ވެސް ވަރަށް ރަނގަޅު ފޯމެއްގައި. އަހަރުމެން އޭނާ ހުއްޓުވަންޖެހޭނެ. އަދި އަހަރުމެން މި މެޗު ފަށަން ޖެހޭނީ ބާސެލޯނާގައި ކުޅޭ މެޗަށް ނުވިސްނައި،" ރަކިޓިކް ބުންޏެވެ.

މި މެޗަށް ނުކުނައިރު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ މިއީ ހުރިހާ ގޮތަކުން ވެސް މުހިންމު މެޗެއް ކަމަށާއި, އެންމެ މިނިޓަކަށް ވެސް ފަރުވާކުޑަކޮށްފިނަމަ ޗެލްސީ އަކީ ހީނުކުރާފަދަ ނަތީޖާއެއް ނެރެފާނެ ޓީމެއްކަން އޭނާގެ ކުޅުންތެރިން ވިސްނަންޖެހޭނެ ކަމަށެވެ.

"އަހަރުމެން މިވަގުތު އޮތީ ރަނގަޅި ފޯމެއްގައި. އަހަރުމެން މި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެސް ވެއްޖެ. އެކަމަކު ޗެލްސީގެ ދަނޑުގައި އެމީހުންނަށް އިހްތިރާމް ކުރަންޖެހޭ. ހާއްސަކޮށް އެމީހުންގެ ހަލުވި ކުޅުންތެރިންނާމެދު އަބަދުވެސް ފަރުވާތެރިވާންޖެހޭނެ. އެހެންނޫން ނަމަ އެމީހުންގެ ދަނޑުގައި އެމީހުން ނަތީޖާ ތަފާތުކޮށްފާނެ. ފެބްރިގާސް، ޕެޑްރޯ، ހަޒާޑް އަދި މޮރާޓާ ވެސް އެމީހުން ޓީމުގައި އެބަތިބި. އެހެންވެއްޖެނަމަ އަހަރުމެންނަށް މެޗު އުނދަގޫވާނެ. އެއީ ވަރަށް ފިޒިކަލް ޓީމެއް،" ކޯޗު ބުންޏެވެ.

ކެޕްޓަން އަންދްރޭސް އިނިއެސްޓާ ބުނީ ހުސްވި އަހަރުގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަށް ކުއާޓާ ފައިނަލާ ހިސާބުން މުބާރާތް ނިންމާލަން ޖެހުނި ރަށުން ބޭރުގައި ކުޅުނު މެޗުތަކުގެ ނަތީޖާ ގޯސްވެގެން ކަމަށެވެ. މިހެންވެ މި އަހަރު އެކަން ތަކުރާރު ނުކުރަން ކުޅުންތެރިން ތައްޔާރު ކަމަށާއި ރަށުން ބޭރުގައި ނަތީޖާ ރަނގަޅުކޮށްފިނަމަ ބާސެލޯނާއަށް މުބާރާތާމެދު ވަރަށް ބޮޑު ޔަޤީންކަމެއް އޮންނާނެ ކަމަށެވެ.