ކުޅިވަރު

ރީނދޫ ރިބަން ޖަހައިގެން ގާޑިއޯލާއަށް އަދަބުދީފި


ރީނދޫ ރިބަން ޖަހައިގެން ޕްރެމިއާ ލީގުގެ ހެދުން އެޅުމުގެ ޤަވާއިދާ ހިލާފުވާތީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް އެންމެ ފަހުން އަދަބު ދީފިއެވެ.

އިނގިރޭސި އެފްއޭއިން ޓޭބަލުގެ އެއްވަނާގައިވާ ޓީމުގެ ކޯޗަށް އަދަބު ދިނީ މި މައްސަލާގައި ދެ ފަހަރެއްގެ މަތީން އޭނާއާ ވާހަކަ ދައްކައިގެން ވެސް މައްސަލަ ހަައްލުނުވުމުންނެވެ.

ގާޑިއޯލާ ރީނދޫ ރިބަންޖެހަނީ އޭނާ ނިސްބަތްވާ ސްޕޭނުގެ ކެޓަލޯނިއާގެ ޖަލުގައި ތިބި ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް ތާއިދު ކޮށެވެ. ކެޓަލޯނިއާގެ މިނިވަންކަމަށް ކުރާ ކެމްޕޭނުގައި ބޭނުންކުރާ ނިޝާނަކީ ވެސް ރީނދޫ ރިބަނެވެ. ގާޑިއޯލާއަށް އަދަބުދިނީ މެޗު ކުޅެމުންދާއިރު އޭނާ ރީނދޫ ރިބަންޖަހައިގެން ހުންނާތީއެވެ. އެނޫން ވަގުތުތަކުގައި ރީނދޫ ރިބަންޖަހައިގެން އުުޅުން ހުއްދައެވެ.

މި އަދަބު އިސްތިއުނާފު ކުރަން އޭނާއަށް އާދިއްތަ ދުވަހުގެ ނިޔަލަށް ފުރުސަތު އޮންނާނެ އެވެ.

ބާސެލޯނާ އާއި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ބުނީ ޖަލުގައި އެންމެ ދުވަހެއް ވެސް ހޭދަކުރަން ޖެހުމަކީ ބޭއިންސާފެއް ކަމަށާއި އޭނާ އުއްމީދުކުރަނީ ރީނދޫ ރިބަންޖަހައިގެން އޭނާ ހުންނަންޖެހޭ ދުވަސްތައް ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށެވެ.