ދައުލަތުގެ މުއައްސަސާތަކުގެ މަސްއޫލުވެރިން އޮޑިޓް ރިޕޯޓުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އޮޑިޓަރ ޖެނަރަލް ގޮވާލައްވައިފިއެވެ.
އޮޑިޓަރ ޖެނެރަލް މިފަދައިން ގޮވާލެއްވީ އޮޑިޓަރ ޖެނެރަލްގެ ދެކުނު ޞަރަޙައްދީ އޮފީހުގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ޢާންމުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އޮޑިޓަރ ޖެނެރަލްގެ ދެކުނު ޞަރަޙައްދީ އޮފީހުގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެދެއްވީ އެއޮފީހުގައި ބޭއްވި ރަސްމީއްޔާތެއްގައި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތެެވެ.
ރިޕޯޓު ނެރެދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނަރަލް ވަނީ ދައުލަތުގެ އިދާރާތަކާއި މުއައްސަސާ ތަކުގެ މަސްއޫލުވެރިން އޮޑިޓް ރިޕޯޓުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ގޮވާލައްވާފައެވެ.
" އަޅުގަނޑުމެން އެދެނީ ދައުލަތުގެ އިދާރާތަކާ ދައުލަތުގެ ކުންފުނި ތަކުގެ މަސްއޫލުވެރިން އޮޑިޓްތަކުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށާއި މާލީ ކަންތައްތައް ހަރުދަނާވެ ހިންގުމުގައި ޖަވާބުދާރީވެ ޒިންމާ ނެންގެވުމަށް. އިސްރާފާ ކޮރަޕްޝަން މަދުކުރައްވައި، ރައްޔިތުންނާ ޤައުމު އެދޭ ފާގަތި މުސްތަޤުބަލަށްޓަކައި ރައްޔިތުންގެ މުދަލާއި ފައިސާ ހެޔޮގޮތުގައި ބޭނުން ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް" އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވިއެވެ.
މި ރަސްްމީއްޔާތުގައި ޞަރަޙައްދީ އޮފީހުން ހާސިލްވެފައި ލަނޑުދަނޑިތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ހަސަން ނިޔާޒީ ވިދާޅުވީ 2017 ވަނަ އަހަރު އެ އޮފީހުން ނިންމަން ކަނޑައެޅި އޮޑިޓްތަކުގެ %90 ނިންމާފައިވާ ކަމަށެވެ.
"ދެކުނު ޞަރަޙައްދީ އޮފީހުން 2017 ވަނަ އަހަރު ޕްލޭން ކުރެވިފައިވަނީ 74 އޮޑިޓެއް. އަހަރު ނިމިނުއިރު އޭގެ ތެރެއިން 66 ތަނެއްގެ ފީލްޑްވޯކް މަސައްކަތް ނިންމާ، އޮޑިޓް ރިޕޯޓް ވަނީ ނިންމާލާފަ. މިކަން ކުރެވުނީ ޞަރަޙައްދީ އޮފީހުގައި މަސައްކަތް ކުރަމުންދާ ސްޓާފުންގެ ވަރަށް ބުރަ މަސައްކަތުން. އަޅުގަނޑުމެން ބަލައިލާއިރު ގާތްގަނޑަކަށް %90 މަސައްކަތް 2017 ވަނަ އަހަރު ނިމިފައިވަނީ" އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވިއެވެ.
މިރިޕޯޓާ ބެހޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދިންގޮތުގައި ދެކުނު ޞަރަޙައްދުގައި ހިމެނޭ މުއައްސަސާތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެތެރެއިން ނުލިބިހުރި 32.3 މިލިއަން ރުފިޔާ ހޯދުމަށާއި، ބަޖެޓްބާކީ ގެ ތެރެއިން އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކުރަންޖެހޭ 4.1 މިލިއަން ރުފިޔާ އެއެކައުންޓަށް ޖަމާކުރުމަށާއި ގަވާޢިދާއި ޚިލާފަށް އެކިފަރާތްތަކަށް ދީފައިވާ 4.8 މިލިއަން ރުފިޔާ ހޯދުމަށް މުއައްސަސާތަކަށް މިހާރުވަނީ އަންގާފައެވެ.
މި ރަސްމީއްޔާތުގައި އޮޑިޓަރ ޖެނެރަލް އައްޑޫ ސިޓީގެ ދައުލަތުގެ މުއައްސަސާ ތަކުގެ އިސްވެރިންވަނީ ބައިވެރިވެފައެވެ. ދެކުނު ޞަރަޙައްދުގެ އޮޑިޓަރ ޖެނެރަލްގެ ޞަރަޙައްދީ އޮފީސް ހުޅުވީ 2015 ވަނަ އަހަރު ޑިސެމްބަރ މަހުގައެވެ.