ޚަބަރު

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވާލައިފިއެވެ.

މިކަން އިޢްލާންކޮށް ޤައުމީ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢު ކުރައްވާފައެވެ.

މިއަހަރު ޤައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އިޙްތިފާލުގެތެރެއިން ކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ޤައުމީ އިނާމަށް ނަން ހުށަހަޅާ އުޞޫލަށް އެެއްވެސް ބަދަލެއް މިއަހަރު ގެނެސްފައި ނުވެއެވެ. އެގޮތުން މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅެއެވެ. އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. 

ޤައުމީ އިނާމަށް ވަކި ފަރުދަކު ނަން ހުށަހަޅާނަމަ އަދި ކުންފުނިތަކާއި ޖަމުޢިއްޔާ ޖަމާޢަތަކާއި އެފަދަ އެހެން ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.

ރާއްޖޭގައި ތިބި އެކި ފަންނުގެ ހުނަރުވެރިންނަށް ފުރުޞަތު ދިނުމަށް މަގުފަހިކުރުމުގެ ގޮތުން އިނާމުދޭ ދާއިރާތަކުގެ ތެރޭގައި، މިދިޔަ 4 އަހަރެކޭ އެއްގޮތަށް، ޒުވާނުންނާއި އަންހެނުންގެ ދާއިރާ ވަކިން ހިމަނާ، މި ދެ ދާއިރާއިން އިނާމު ދޭނެ ވަކި ރޮނގުތަކެއް ވަނީ ކަނޑައަޅާފައެވެ. މި ދާއިރާއިން އިނާމު ދެނީ، މަދުވެގެން 5 އަހަރު ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްފައިވާ އަންހެނުންނަށާއި، ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ޤައުމީ އިނާމުގައި ހިމެނޭ ބައެއް ދާއިރާތަކުގެ ރޮނގުތަކަށާއި، ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމަށް މިއަހަރު ބައެއް ބަދަލު ގެނެސްފައިވާކަން ޤައުމީ އިނާމާބެހޭ ކޮމިޓީން ބުނެއެވެ.

ޤައުމީ އިނާމަށް ނަން ހުށަހަޅުމުގެ ފުރުޞަތު އަންނަ އެޕްރީލު މަހުގެ 15 ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. 

ޤައުމީ އިނާމާބެހޭ މަޢުލޫމާތު ދެއްވައި، ހޭލުންތެރިކަން އިތުރުކުރުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް، ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ބުނެއެވެ.

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވިނަމަވެސް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނީ އަންނަ އެޕްރީލު މަހުގެ ތެރޭގައިކަމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ބުނެއެވެ.