އެންމެ ތިން މިނިޓް ތެރޭގައި ޖެހި ދެ ގޯލާއެކު 4-3ގެ އެގްރިގޭޓުން ޓޮޓެންހަމް ކަޓުވާލުމަށް ފަހު އިޓަލީގެ ޔުވެންޓަސް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މެޗުގައި ޓޮޓެންހަމް ބަލިވީ ފުރަތަމަ ހާފު ނިމުނު އިރު ވެސް ކުއާޓާ ފައިނަލަށް ދިއުމުގެ ހުރިހާ ބާރަކާއި އެޑްވާންޓޭޖެއް ލިބިފައިވަނިކޮށެެވެ. މެޗުގެ ފުރަތަމަ ލަނޑު ސަން ޖަހާފައިވަނިކޮށް، ފަހު ހާފުގައި ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ 64 ވަނަ މިނިޓްގައި ގޮންޒާލޯ ހިގުއައިންނެވެ. ޔުވެންޓަސްއިން ދެ ވަނަ ލަނޑު ޖެހީ އޭގެ ތިން މިނިޓް ފަހުން އާޖެންޓީނާގެ ފޯވަޑް ޕައުލޯ ދީބާލާއެވެ. މި ދެ ޓީމު ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 ން އެއްވެރުވެގެންވެ.
މުބާރާތުން ކެޓުމުން ޓޮޓެންހަމުގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނީ މެޗު ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ އޭނާގެ ޓީމުން ކަމަށާއި މިގޮތަށް ބަލިވުން ހައްޤު ނޫން ކަމަށެވެ.
"އަހަރުމެން ރަނގަޅަށް ކުޅުނީ. އަހަރެން ބުނާނެ އެއްވެސް އެއްޗެއްނެތް. މިއީ ފުޓްބޯޅަ. މިފަދަ ނަތީޖާތައް މަދުން ނަމަވެސް ދިމާވާނެ. އެކަމަކު އަހަރުމެންނަށް މިއީ ހައްގު މިންވަރެއްނޫން. އަހަރުމެން މެޗު ކޮންޓްރޯލްކޮށް ގިނަ ގޯލު ޖަހައި ގިނަ ހަމަލާ އުފެއްދީވެސް. އެހެންވީމާ އަހަރުމެންނަށް ކުއާޓާ ފައިނަލް ހައްގު،" މެޗަށް ފަހު ކޯޗު ބުންޏެވެ.
ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ އޭނާގެ ޓީމުގެ ފޯވަޑުން މެޗުގައި ތަފާތު ދެއްކި ކަމަށާއި އަބަދުވެސް ކުރި ލިބޭނީ ގޯލު ޖަހާ ޓީމަކަށް ކަމަށެވެ. އަދި އޭނާގެ ކޮންމެ ފޯވަޑަކީ ވެސް މޮޅު ކުޅުންތެރިއެއް ކަަމަށާއި، މުބާރާތުގެ ކުއާޓާ ފައިނަލާ ހިސާބުން ނިންމާލާނެ ޓީމަކަށް ޔުވެންޓަސް ވެގެން ނުދާނެ ކަމަށެވެ.
"އަަހަރުމެން މިތިބީ މިހާރު ކުއާޓާ ފައިނަލުގައި. މިއީ ނިމުމެއްނޫން. މިއަށްވުރެ ދުރަށް ވެސް އަހަރުމެންނަށް ދެވިދާނެ. ބޭނުންވަނީ ހިތްވަރާއެކު މަސައްކަތް ކުރުން. އަހަރުމެން ބަލިވާނެ ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރި. އެކަމަކު ފުޓްބޯޅައިގައި ލިބޭ ފުރުސަތު ބޭނުން ކުރަން އެނގޭ ޓީމަކީ އެންމެ މޮޅު ޓީމު،" އަލެގްރީ ބުންޏެވެ.