ހދ. ނޮޅިވަރަންފަރުގައި ޤާއިމްކުރާ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ޢަމަލީ މަސައްކަތް ފައްޓަވާ ދެއްވީ މިއަދު މެންދުރު އެރަށުގައި ބޭއްވި ރަސިއްޔާތެއްގައި މިނިސްޓަރ އޮފް އެންވައިރޮންމަންޓް އެންޑް އެނާރޖީ، ތޯރިޤް އިބްރާހިމް އެވެ.
މިއީ އެކަށީގެންވާ ބޯފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފެއްޓެވި މަޝްރޫޢު އެކެވެ.
ނޮޅިވަރަންފަރުގެ ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންދަނީ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެންނެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރީ 18 ޖޫން 2017 ގައިއެވެ. މިއީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ)ގެ ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫއަށް 44 މިލިއަނަށް ވުރެގިނަ ރުފިޔާ ޚަރަދު ވާނެއެވެ.
އެންވައިރޮންމަންޓް މިނިސްޓްރީއިން ބުނީ މި މަޝްރޫޢަށް ފައިސާ ހަމަޖެއްސުމަށްފަހު ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ޢަމަލީ މަސައްކަތް ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާފައިވަނީ ފަންޑިންގ އެޖެންސީ ގެ ބެލުމުގެ ދަށުން އިންޓަރނޭޝަނަލް ޓެންޑަރގެ ތެރެއިންނެވެ. މިގޮތުން މި މަޝްރޫޢުގެ ޑިޒައިން މަސައްކަތާއި ޓެންޑަރ ޑޮކިއުމަންޓު ތައްޔާރުކުރުމުގެ މަސައްކަތް ރިޔަން ކޮންސަލްޓަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.
މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓަރ އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 468 ދުވަހެވެ. މިމަޝްރޫޢުގެ ދަށުން ހދ. ނޮޅިވަރަންފަރުގައި ނަރުދަމާ ވިއުގަ ޤާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމުކުރުމާއިއެކު މި ނިޒާމްގެ އިދާރީ މަސައްކަތަށް އެޑްމިނިސްޓްރޭޓިވް ޢިމާރާތެއް އެޅުމަށް ހަމަޖެހިފައިވެއެވެ.