ކުޅިވަރު

ވިސްނުން ގަދަ ހަޔަކަށް ބަދަލުކުރަން ޖެހިއްޖެ: ސުޒެއިން


އީގަލްސް އަތުން ބަލިވެ، ލީގުގެ ގަދަ ހަތަރަކަށް ވަނުމަށް ކުރަމުން އައި މަސައްކަތަށް ޕްރެޝަރެއް ކުރިމަތިވެއްޖެކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ. 

ލީގުގައި މިހާތަނަށް ގްރީން ތިން މެޗު ކުޅެފައިވާއިރު، ދެ މެޗުން އެއްވަރުވެ އެންމެ ފަހުން އިއްޔެ އީގަލްސް އަތުން ވަނީ ބަލިވެފައެވެ. ތިން މެޗުން ގްރީންއަށް ލިބިފައިވަނީ 2 ޕޮއިންޓެވެ. އީގަލްސް އާއި ވާދަކޮށް 2 ލަނޑު 1 ލަޑުން ބަލިވި މެޗަށްފަހު ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ސުޒޭން ބުނީ މިގެއްލުނީ ވަރަށް މުހިންމު 3 ޕޮއިންޓްކަމަށެވެ. ހާއްސަކޮށް ލީގުގެ ގަދަ ހަތަރަކަށް ވަނުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހުރަސްތަކެއް މިހާރު ކުރިމަތިވެފައިވާކަމަށެވެ. އަދި ގަދަ ހަތަރެއް ދޫކޮށްލުމަށްފަހު ގަދަ ހަޔަކަށް ވަނުމަށް މިހާރު ވިސްނަންވީކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުންޏެވެ.

"މިމެޗް ގްރީންއަށް ވަރަށް އުނދަގޫކޮށް މިދިޔައީ. ފުރަތަމަ ހާފުގައި އީގަލްސްއިން ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު ދެ ވަނަ ހާފުގައި ބެލެންސްކޮށް ދިޔައީ. ދެ ވަނަ ހާފުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ގޯލް ޖަހައި ނަތީޖާ ނެރުނީ. މެޗުގައި ލިބުނު ފުރުސަތުތައްވެސް ގޯލުޖަހަން، ފުރުސަތުގެ ބޭނުން ނުހިފި މިދިޔައީ. ރެފްރީގެ ބައެއް ނިންމުންތަކާއި މެދުވެސް ވަރަށް ހިތްހަމަނުޖެހޭ، އެކަން ބާއްވާފަ، ދެން ގްރީންއިން މަސައްކަތް ކުރާނީ ގަދަ ހަޔަކަށް އެރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް." މެޗަށްފަހު ސުޒޭން ބުންޏެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިއީ މިހާތަނަށް ކުޅުނު ތިން މެޗަށް ބަލާއިރުވެސް އެންމެ ދަށްކޮށް ކުޅުނު މެޗު ކަމަށާއި، ވަރަށް ގިނަ ކުޅުންތެރިންގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށެވެ. ބައެއް ކުޅުންތެރިންގެ ފަރާތުން ފެނުނީ އެންމެ ހިތްހަމަޖޭ ކުޅުން ނޫންކަމަށާއި، ކުރިއަށް ހުރި މެޗުތަކުގައި އެކަންކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށްވެސް މޯހަން ބުންޏެވެ.

"މެޗުން މޮޅު ވެވުނަސް މިއީ އީގަލްސްގެ ދުވަހެއް ނޫން. ގިނަ ކުޅުންތެރިން ވަރަށް ދަށްކޮށް ކުޅުނީ. ދަށްކޮށް ކުޅުންތެރިން ކުޅުނު ނަމަވެސް މެޗުން މޮޅުވުމުން ހިތްހަމަޖެހޭ. އަސްލުގަ މިލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓް. ލީގުގައި ކުރިއަށްދާން ބޭނުންވާނަމަ، ވާދަކުރެވޭ ޓީމްތައް އަތުން ޕޮއިންޓް ހޯދުން ވަރަށް މުހިންމު." މޯހަން ބުންޏެވެ.

ކުލަބް އީގަލްސް މިހާތަނަށް ލީގްގައި 3 މެޗް ކުޅެފައިވާއިރު، 2 މެޗުން މޮޅުވެ 1 މެޗުންވަނީ އެއްވަރުވެފައެވެ.