ދުނިޔޭގެ އެންމެމަތީ ފަންތީގެ ޖޫނިއަރ ޓެނިސް ކުޅުންތެރިން ވާދަކުރާ ޖޫނިޔަރ ޑޭވިސްކަޕް ކޮލިފައިންގައި ވާދަކުރަން ރާއްޖޭގެ ގައުމީ ޖޫނިއަރ ޓެނިސް ޓީމް ސްރީލަންކާއަށް ހިނގައްޖެއެވެ.
ސްރީލަންކާގައި އޮންނަ ޖޫނިއަރ ޑޭވިސް އަދި ފެޑް ކަޕް ކޮލިފައިންގައި ރާއްޖެއިން ވާދަކުރާނީ އޭޝިޔާ އޯޝޭނިޔާ ޕްރީ ކޮލިފައިން ބުރުގައެވެ. ކޮލިފައިންގ ބުރުގައި ރާއްޖެއިން ވާދަކުރަނީ ސޯޅަ އަހަރުން ދަށުގެ އަންހެން ޓީމާއި، ފިރިހެން ޓީމެވެ. އަންހެން ޓީމް ވާދަކުރާނީ ފެޑްކަޕްގައެވެ. އަދި ފިރިހެން ޓީމް ވާދަކުރާނީ ޑޭވިސް ކަޕުގައެވެ.
މުބާރާތުގައި ރާއްޖޭގެ ސޯޅަ އަހަރުން ދަށުގެ ޓީމްގެ ކޯޗު ކުމާރް އަދިކާރީ ބުނީ ޓީމް ކޮލިފިކޭޝަނާއި ކުރިމަތިލަނީ ފުރިހަމައަށް ތައްޔާރުވެގެންކަމަށާއި، ކޮލިފައިވުމަށް ގަދައަޅާ މަސައްކަތް ކުރާނެކަމަށެވެ. ކުމާރް ބުނީ ޕްރެކްޓިސްގައި ކުޅުންތެރިން ކުރި ބުރަ މަސައްކަތް ފެނިފައި އޭނާއަށް ބޮޑު އުންމީދެއް ލިބިއްޖެކަމަށެވެ. މިއީ އެކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއްކަން ނޭޕާލްގެ ކުމާރް ވަނީ ފާހަގަކޮށްފައެވެ.
" އަހަރެމެން މިދަނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން. ކުޅުންތެރިން ދުވާލަކު ދެގަޑިއިރު ވަރަށް ބުރަކޮށް މަސައްކަތް ކޮށްފި. އަނެއްކާ ފިޒިކަލީވެސް މިޓީމުމިއޮތީ ތައްޔާރުވެފަ. ކުޅުންތެރިން ކުރި ބުރަ މަސައްކަތް ފެނި ކާމިޔާބު ލިބޭނެކަމުގެ އުންމީދު ބޮޑު." ކޯޗު ބުންޏެވެ.
މުބާރާތުގައި ރާއްޖޭގެ ޖޫނިއަރ ޤައުމީ ޓީމުން ވާދަކުރާ ހަ ކުޅުންތެރިންގެ ތެރެއިން މަރިޔަމް ހަޝްމާ ހާނިމް ބުނީ ލިބުނު ފުރުސަތާއެކު ޤައުމު ފަހުރުވެރިވާފަދަ ނަތީޖާއެއް ހޯދަން މަސައްކަތް ކުރާނެކަމަށެވެ.
" ވަރަށް މަސައްކަތް ކުރެވިއްޖެ ކޯޗިންގ ޓީމާއެކު ކޮލިފައިންގނަށް ތައްޔާރުވާން، އިރާދަކުރެވިއްޔާ ޤައުމު ފަހރުވެރިވާ ފަދ ނަތީޖާއަކަށް އުންމީދުކުރަނީ." ހަޝްމާ ބުންޏެވެ.
މުބާރާތުގައި ވާދަކުރާ ފިރިހެން ޓީމްގެ ދާއިން އަމީން ވެސް ބުނީ ބޭނުމަކީ ގިނަމެޗު ތަކެއް ކާމިޔާބުކޮށް ރާއްޖެއަށް ރީތިނަމެއް ހޯދައިދިނުންކަމަށެވެ.
މީއީ ދިވެހިރާއްޖޭގެ ޓެނިހުގެ ތާރީހުގައި މަތީފަންތީގެ ޓެނިސް މުބާރާތެއްގެ ކޮލިފައިންގައި ސޯޅަ އަހަރުން ދަށުގެ ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ.
ސްރީލަންކާގައި މާދަމާ ފަށާ ޕްރީ ކޮލިފައިންގ ބުރުގައި ޑޭވިސްކަޕު ކޮލިފައިންގައި ސަތާރަ ގައުމެއްގެ ކުޅުންތެރިން ވާދަކުރާނެއެވެ. ފެޑްކަޕު ކޮލިފައިންގައި ތޭރަ ގައުމަކުން ވާދަކުރާނެއެވެ. ޕްރީ ކޮލިފައިން މެޗުތައް ކުރިޔަށްދާނީ މިމަހުގެ އަށާރަވަނަ ދުވަހުގެ ނިޔަލަށެވެ.