ޚަބަރު

އީޔޫއިން ފާސްކުރި ޤަރާރަށް ދިވެހި ސަރުކާރުން ރައްދު ދީފި


ދިވެހި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުޞަތު ދިނުމަށް ގޮވާލާ އީޔޫއިން ފާސްކުރި ޤަރާރަށް ދިވެހި ސަރުކާރުން ރައްދު ދީފިއެވެ.

ރާއްޖޭގައި ސިޔާސީގޮތުން ހިނގަމުންދާ ކައްތައްތަކާ ގުޅިގެން އިދިކޮޅުފަރާތްތަކުން އީޔޫއަށް ހުށަހަޅާފައިވާ ޤަރާރާގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިލާތުގެ އިއްތިހާދަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު އަޙްމަދު ޝިޢާން ވިދާޅުވީ މި ޤަރާރަށް އީޔޫގެ ޕާލަމެންޓުގައި ބަހުސް ކުރީ 12 މެމްބަރުން ކަމަށެވެ. އަދި މި މެމްބަރުންގެ ވާހަކައިގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާތީއާއި ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމުން އެކަމާ ގުޅޭގޮތުންކަމަށެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ޤާނޫނު އަސާސީންވެސް ތަންދޭ ކަމެއް ނޫން ކަމަށް ޝިޢާން ވިދާޅުވިއެވެ. ޝިޢާން ވިދާޅުވީ އީޔޫއާއެކު ރާއްޖެއިން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށާ މިއިން އެއްވެސް މަސައްކަތަކަށް ބުރުލެއް ނާރާ ކުރިއަށްދާކަމަށެވެ.

"އީޔޫއަކީ ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ބައެއް. ހިތްހަމަ ނުޖެހުންތަކެއް އުޅުނު ކަމަށްވިއަސް އެމީހުން ބޭނުން ވަނީ ވާހަކަ ދައްކައިގެން އެކަންކަން ނިންމަން. އެއްގޮތަކަށްވެސް ދަތި ކުރުމުގެ ފިޔަވަޅު އަޅާކަން ނޫން،" ޝިޢާން ވިދާޅުވިއެވެ.

ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާމެދު އީޔޫއިން ފިޔަވަޅު އަޅަން އުޅޭ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދުދެއްވަމުން ޝިޢާން ވިދާޅުވީ ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާމެދު އީޔޫއިން ފިޔަވަޅު އަޅަން އުޅޭ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. ޝިއާން ވަނީ ދިވެހި ސަރުކާރުގެ އެއްވެސް އިސް ފަރާތަކަށް އީޔޫއިން ފިޔަވަޅު ނާޅާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ. ޝިޢާން ވިދާޅުވީ އެފަދަ ފިޔަވަޅެއް އެޅުމަށް އީޔޫއިން ވިސްނާނަމަ އެކަން އެމަނިކުފާނަށްވެސް އަންގަވާނެ ކަމަށާއި ނަމަވެސް ރާއްޖޭގައި އޮތް ޙާލަތަކީ އެފަދަ ފިޔަވަޅެއް އެޅުމަށް އޮތް ޙާލަތެއް ނޫން ކަމަށެވެ.

"އެބޭފުޅުން މި ބުނަނީ ރާއްޖޭގައި މިހާރު އޮތް ކުއްލި ނުރައްކަލުގެ ޙާލަތު އުވާލަން. އަދި ހުރިހާ ސިޔާސީ މީހުން އެއް މޭޒަކަށް އައިސް މަޝްވަރާ ކުރާށޭ މިބުނަނީ. އަދި ހުރިހާ ސިޔާސީ ޕާޓީތަކަށް ވާދަ ކުރެވޭ ގޮތަށް ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިބުނަނީ،" ޝިޢާން ވިދާޅުވިއެވެ.

ޝިޢާން ވިދާޅުވީ އީޔޫގެ ޕާލިމެންޓުން ނިންމާ ނިންމުންތަކަށް ޢަމަލު ކުރަން ނުޖެހޭ ކަމަށާއި ޢަމަލު ކުރަން ޖެހޭނީ އީޔޫ ކައުންސިލުން ނިންމާ ނިންމުންތަކަށް ކަމަށެވެ.