ކުޅިވަރު

އޭޝިޔަންކަޕް ކޮލިފައިންގއަށް ޒުވާން ވޮލީ ޓީމެއް އެކުލަވާލަނީ


20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބައިވެރިވުމަށް 20 އަހަރުން ދަށުގެ ޤައުމީ ވޮލީ ޓީމެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަނުން ފަށައިފިއެވެ. 

މުބާރާތަށްދާން ރާއްޖެއިން އެކުލަވާލާ ޓީމްގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެސޯސިއޭޝަނުން ވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ. ވޮލީ ބޯލް އެސޯސިއޭޝަންގެ ސީނިއަރ ވައިސް ޕްރެޒިޓެންޓް މުހައްމަދު ރަނޭޝް ބުނީ ސްކޮޑްގައި ބައިވެރިވުމަށް ބޭނުންވާ ކުދިން އެސްއެމްއެސް ކުރުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާނެކަމަށެވެ. އެސްއެމްއެސް ކުރާނީ 7772146 ށެވެ.

ކޮލިފިކޭޝަންގައި ބައިވެރިވެވޭނީ 1 ޖެނުއަރީ 1999 ވަނަ އަހަރުގެ ފަހުން އުފަންވެފައި ތިބި ކުދިންނަށްކަމަށާއި، 22 ވަނަ ދުވަހުގެ ނިޔަލަށް އެސްއެމްއެސް ކޮށްފައިވާ ކުދިންގެ ތެރެއިން 22 ކުދިންގެ ޕޫލެއް އެކުލަވާލާނެކަމަށް އެސޯސިއޭޝަނުން ބުނެއެވެ. އެކުދިންގެ ފެންވަރު ބެލުމަށް މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ޓްރަޔަލްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވޮލީ ބޯލް އެސޯސިއޭޝަންގެ ސީނިއާރ ވައިސް ޕްރެޒިޓެންޓް މުހައްމަދު ރަނޭޝް ބުންޏެވެ.

ރަނޭޝް ބުނީ ޓްރަޔަލްއެއް ބޭއްވުމުގެ ބޭނުމަކީ އެސޯސިއޭޝަނުން ކުދިންތަކެއް ހޮވުމުގެ ބަދަލުގައި، ޤައުމީ ޓީމަށް ކުޅެން ބޭނުންވެގެން އަންނަ ކުދިންގެ މެދުގައި ޓީމްއެއް ނެގުންކަމަށެވެ. ނިމިގެންދިޔަ އިންޓަރ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި ވަރަށް މޮޅު ކުޅުންތެރިން ފެނިފައިވާކަން ނަރޭޝް ފާހަގަކުރިއެވެ.

ބަޙްރެއިންގައި ޖުލައި މަހުގެ 21 ން 28 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޮލިފިކޭޝަން މެޗުތަކުގެ ތެރެއިން އެންމެ މޮޅު ދެ ޓީމް 21 އަހަރުން ދަށުގެ ވޯލްޑް ޗެންޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މިދެ ޓީމް ވެގެންދާނީ އޭވީސީގެ ފަރާތުން މިމުބާރާތުގައި ބައިވެރިވާ ދެ ޓީމަށެވެ.