ޚަބަރު

"މައިލްސް ފޯރ ސްމާއިލްސް" ރަންގެ އެހީ މިނިސްޓްރީއާ ޙަވާލުކޮށްފި


މުޖުތަމަޢުގައި ހަވާސާކުރެވިފައިވާ މީހުނަށް އަމާޒުކޮށްގެން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކުރި މައިލްސް ފޯ ސްމައިލްސް ރަން އިން ލިބުނު ފައިސާ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ ޙަވާލުކޮށްފިއެވެ. 

ޖެންޑަރ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިފައިސާއާ ޙަވާލުވީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޑެޕިއުޓީ މިނިސްޓަރ ލީޝާ މުޙައްމަދެވެ.

މިދިޔަ ޖެނުއަރީ މަހުގެ ނަވާރަ ވަނަ ދުވަހާއި ވިހި ވަނަ ދުވަހު ސައުވީސް ގަޑިއަށް ކުރިއަށް ގެންދިޔަ މައިލްސް ފޯ ސްމައިލްސް ރަންއަކީ މުޖުތަމަޢުގައި ހަވާސާވެފައި ތިބޭ މީހުންނަކީވެސް ޙަރަކާތްތެރިވެ ކަސްރަތުގެ ތެރޭގައި ޝާމިލުވާ އަދި އެފަދަ ފުރުސަތުތައް ނުލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ދުވުމެކެވެ. މިދުވުމުގައި ދެހާސް ފަސްސަތޭކަ ދުވުންތެރިން ބައިވެރިވެފައިވެއެވެ.

މި ޙަރަކާތުން ލިބުނު ފައިސާގެތެރެއިން ސަތޭކަ ފަންސާސް ހާސް ރުފިޔާ ޖެންޑަރ މިނިސްޓްރީއާއި ޙަވާލުކޮށްފައިވަނީ ޚާއްސައެހީއަށް ބޭނުންވާ ކުދިންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ހޭދަކުރުމަށްކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. މިރަސްމިއްޔާތުގައި ފައިސާގެ އެހީ މިނިސްޓްރީއާ ޙަވާލުކޮށްދެއްވީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑް މެމްބަރ ޒީޝާން ޢަބްދުރަޙީމެވެ. އަދި  މިއެހީއާއި މިނިސްޓްރީގެ ފަރާތުން ޙަވާލުވީ ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ލީޝާ މުޙައްމަދެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ އެސިސްޓެންޓް މެނޭޖަރ މުޙައްމަދު ޝާފިއު ވިދާޅުވީ މައިލްސް ފޯ ސްމައިލްސް ރަން އަކީ ރައްޖޭގައި މިހާތަނަށް ބޭއްވި އެންމެ ދިގު ރަން ކަމަށެވެ. މިފަދަ ޙަރަކާތްތައް ކުރިއަށް އޮތްތަނުގައިވެސް އިންތިޒާމްކޮށް މުޖުތަމާއުގައި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. 

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ބުނީ މި ޙަރަކާތުން ލިބުނު ފައިސާގެ އަނެއްބައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ ޚާއްސައެހީއަށް ބޭނުންވާ މީހުންނާއި މުޖުތަމަޢުގައި އަޅާލުން ބޭނުންވެފައިވާ މީހުންގެ ޙައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކަށްކަމަށެވެ. މައިލްސް ފޯ ސްމައިލްސްގެ ނަމުގައި ކުރިއަށްގެންދިޔަ ރަންގައި ދުއިސައްތައަށްވުރެ ގިނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންވަނީ ބައިވެރިވެފައެވެ.