ޚަބަރު

ޞަލާހުއްދީން ޢިމާރާތް ހުރި ތަނުގައި އައު އިމާރާތެއް އަޅަނީ


ޞަލާހުއްދީން ޢިމާރާތް ހުރިތަނުގައި އާޢިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް ވިދާޅުވީ ޞަލާހުއްދީން ޢިމާރާތުގެ ޝީޓުން ބައެއް ވެއްޓުނީ އެތަނުގެ މަރާމާތުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައިކަމަށެވެ. އަދި އެއީ ދުވަސްވެފައިވާ ޢިމާރާތެއްކަމުން އަބަދުވެސް މަރާމާތު ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިމައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ޞަލާހުއްދީން ޢިމާރާތް ހުރިތަނުގައި ޔުނިވަރސިޓީގެ އާ ޢިމާރާތެއް އެޅުމުގެ ތައްޔާރީތައް ކުރިއަށްދާކަމަށާއި 10 ބުރިއަށް ޢިމާރާތްކުރުމަށް ނިންމާފައިވާ މިޢިމާރާތުގެ ކުރެހުންތައްވެސް މިހާރު ނިމިފައިވާކަމަށެވެ.

"މިޢިމާރާތް މީހުންނަށް އުޅެވޭވަރަށް ސޭފްކުރުމުގެ މަސައްކަތް ކުރުމަށްޓަކާ ފާރުން ބައެއް ތަންތަން ކޮށަން ޖެހޭތީ އެމަސައްކަތްކުރުމުގެ ތެރޭގައި ޝީޓު ވެއްޓުނީ. އެހިސާބުން މިހާރު މިޢިމާރާތުގައި ކްލާސްތައްވެސް ކުރިއަށް ނުގެންދާގޮތަށް ވަނީ ހަމަޖައްސާފަ." ޑރ. ފަވާޒު ވިދާޅުވިއެވެ.



ފަވާޒް ވިދާޅުވީ ޞަލާހުއްދީން ޢިމާރާތުގެ މަރާމާތުތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން އިންޖިނިއަރުންގެ ލަފާގެ މަތިން މިހާރު އެސެސްމެންޓެއް ހެދުމުގެ މަސައްކަތްކުރިއަށްދާ ކަމަށެވެ. އަދި ޝީޓު ވެއްޓުމުގެ ޙާދިސާގައި މީހަކަށް ގެއްލުމެއްނުވާކަން ފަހަގަކުރައްވާ ފަވާޒް ވިދާޅުވީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންވެސް އެތަނުގައި މަސައްކަތް ނުކުރާގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. 35 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޞަލާޙުއްދީން ޢިމާރާތުގައި އެމްއެންޔޫގެ ފެކަލްޓީ އޮފް އިނޖިނިއަރިންގގެ ކްލާސްތަކާއި ފެކަލްޓީ އޮފް އާޓްސްގެ ކްލާސްތަކާއި ސެންޓަރ ފޮރ އޯޕަން ލަރނިންގ ގެ ކްލާސްތަށް ކުރިއަށް ގެންދިޔަ ކަމަށް އެމްއެންޔޫއިން ބުނެއެވެ.