ރާއްޖޭގައި މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން ލޭހަދިޔާކުރި ބްލަޑް ކޭމްޕް އަނަންތަރާ މޯލްޑިވްސް އިން ބާއްވައިފިއެވެ.
މި ބްލަޑް ކޭމްޕްގައި 130 މީހުން ވަނީ ލޭ ހަދިޔާކޮށްފައެވެ.
އަނަންތަރާ ރިސޯރޓް އެންޑް ސްޕާރ ކ. ދިގުފިނޮޅުގައި ކުރިޔަށް ގެންދިޔަ ލޭހަދިޔާ ކުރުމުގެ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އަނަންތަރާގެ އެޗް.އާރް. އެޑްމިނިސްޓްރޭޓަރ އާދަމް އިނާޒް ވިދާޅުވީ މިއަހަރު އެ ރިސޯޓުން ބޭއްވި ބްލަޑް ކޭމްޕްގެ މަގުސަދަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި ބްލަޑް ކޭންޕްގައި އެއްދުވަހުން އެންމެ ގިނައަދަދަކަށް ލޭހަދިޔާ ކުރުމުގެ ރެކޯޑް މުގުރާލުންކަމަށާއި އެކަން ކާމިޔާބުވެއްޖެކަމަށެވެ.
މިހާތަނަށް ރާއްޖޭގައި އެއްދުވަހުގެ ތެރޭގައި އެންމެ ގިނަމީހުން ލޭހަދިޔާކޮށްފައިވާކަމުގެ ރެކޯޑް އޮތީ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ރާއްޖޭގައި މަސައްކަތްކުރާ އިންޑިޔާގެ މީހުން ނިސްބަތްވާ އިންޑިޔަން ކްލަބްގައެވެ. އެގޮތުން އިންޑިޔަން ކުލަބުން ހިންގި ލޭހަދިޔާކުރުމުގެ ޕްރޮގްރާމްގައި އެއްދުވަހުގެތެރޭގައި އެންމެގިން އަދަދަކަށް ލޭދީފައިވަނީ 125 ޑޯނަރުންނެވެ.
އަނަންތަރާއިން ކުރިޔަށް ގެންދާ ބްލަޑް ކޭންޕަކީ މޯލްޑިވްސް ބްލަޑް ސާރވިސްއާއި އަނަންތަރާ މޯލްޑިވްސްއާއި ގުޅިގެން ތެލެސީމިޔާ ކުދިންނަށް ލޭހަދިޔާކުރުމުގެ ގޮތުން ހިންގާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމަކީ ދެހާސް ހަތްވަނައަހަރުން ފެށިގެން މައިނާ ފައުންޑޭޝަން ޑޭގެ ނަމުގައި ކޮންމެ އަހަރަކުވެސް އަނަންތަރާއިން ކުރިޔަށް ގެންދާ ޕްރޮގުރާމެއްކަމަށް އަނަންތަރާއިން ބުނެއެވެ.
މައިނާ ފައުންޑޭޝަންއަކީ އެކޮންޕެނީގެ އޯނަރ ބިލްހެނިކޭގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ އެކޮންޕެނީގެ ގޮފިތަކުގައި ކުރިޔަށް ގެންދާ ސޯސިއަލް ރެސްޕްސިބިލިޓީ ޕްރޮގުރާމެއްކަމަށް އިނާޒް ވިދާޅުވިއެވެ.
މައިނާ ފައުންޑޭޝަންޑޭގެ ނަމުގައި އިތުރު ޕްރޮގުރާމްތަކެއް މިއަހަރުގައި ހިންގުމަށް ހަމަޖެހިފައިވާކަމަށް އަނަންތަރާއިން މައުލޫމާތުދެއެވެ.