އެންމެފަހުގެ އައްޑޫސިޓީ ޗެމްޕިއަން ފޭދޫ ބަލިކޮށް، އަތޮޅު ބުރުގެ ޗެމްޕިއަންކަން ހިތަދޫ ހޯދައިފިއެވެ.
އެސްޓިއޯ މިނިވަންޗެމްޕިއަންޝިޕްގައި އިއްޔެ އައްޑޫސިޓީގެ އަތޮޅުބުރުގެ ފައިނަލުގައި ހިތަދޫ އާއި ފޭދޫ ވާދަކުރި މެޗު ހިތަދޫ ކާމިޔާބުކުރީ ފުރިހަމަ ވަގަތު ހަމަވައިރު އެކެއް އެކަކުން އެއްވަރުވުމުން ނަތީޖާ ނެރުމަށްޖެހި ޕެނެލްޓީގައި 5-2 ލަނޑުން ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ހިތަދޫ ޓީމުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ބިދޭސީ ކުޅުންތެރިޔާ ޑޭވިޑްއެވެ. ފޭދޫ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހަންމަދު ސަޔާން ސައީދުއެވެ. މެޗުގެ ނުވަދިހަ މިނިޓް ހަމަވިއިރު ނަތީޖާ އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި ފޭދޫގެ ފަހު ދެ ޕެނެލްޓީ ކާމިޔާބުނުވުމުން ހިތަދޫއަށް ޗެމްޕިއަންކަން ލިބުނީ 5-2 ލަނޑުންނެވެ.
މެޗަށްފަހު ހިތަދޫ ޓީމްގެ އެސިސްޓެންޓް މެނޭޖަރ މުހަންމަދު އަލްތާފް ބުނީ ޗެމްޕިއަންކަން ލިބުމުން ވަރަށް ބޮޑަށް އުފާވެއްޖެކަމަށާއި، މިއީ ހިތަދޫގެ ރައްޔިތުންނާއި ކުޅުންތެރިންވި ވަރަށްބޮޑު ޤުރުބާނީއެއްގެ ނަތީޖާކަމަށެވެ.
" ވަރަށް އުފާވެއްޖެ. އަސްލުމީ ވަރަށް ގިނަބަޔަކުވި ސެކްރިފައިޒެއް ހާއްސަކޮށް ރައްޔަތުންނާއި ކުޅުންތެރިން." އަލްތާފް ބުންޏެވެ.
މެޗަށްފަހު ވާހަކަދައްކަމުން ފޭދޫ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ހަނީޒު ބުނީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުން ރަނގަޅު ނަމަވެސް މެޗުގައި ނުކުތީ އުންމީދުކުރިކަހަލަ ނަތީޖާއެއް ނޫންކަމަށެވެ.
" މިއީ ގަބޫލްކުރަން އެހާ ފަސޭހަ ނަތީޖާއެއް ނޫން. ޓީމްގެ ފަރާތުން އެވްރެޖްކޮއް ރަނގަޅު ކުޅުމެއް ފެނުނަސް މިނަތީޖާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ. އިރާދަކުރެއްވިޔާ އަންނަ އަހަރު މިއަށްވުރެން ވަރުގަދަކޮށް އެނބުރިއަންނާން." އަލީ ހަނީޒު ބުންޏެވެ.
އަތޮޅުބުރު ހިތަދޫ ކާމިޔާބު ކުރުމާއެކު މުބާރާތުގައި ޒޯން އަށެއްގައި އެޓީމް ވާދަކުރާނީ ފުވައްމުލަކު ސިޓީން މުބާރާތުގައި ބައިވެރިވި ހަމައެކަނި ޓީމްކަމަށްވާ ދޫޑިގަމާއެވެ. މިދެޓީމް ވާދަކުރާ ފުރަތަމަ ލެގު ކުޅޭނީ ހޮނިހިރު ދުވަހު ހަވީރު ފުވައްމުލަކު ސިޓީގައެވެ.
މުބާރާތުގައި އިއްޔެ ޒޯން ހަޔެއްގެ ފައިނަލުގެ ފުރަތަމަ ލެގުގައި ތިމަރަފުއްޓާ މާބައިދޫ ވާދުކުރި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން އެއްވަރުވެގެންނެވެ.