ބެންގަލޫރުގެ ދަނޑަކީ އިދިކޮޅު ޓީމްތަކަށް އެހާ ފަސޭހަ ދަނޑެއް ނޫންކަމަށާއި، އެހެންނަމެވެސް އަމާޒަކީ ބެންގަލޫރު އަތުން މޮޅެއް ހޯދުންކަމަށް ނިއުގެ ކޯޗު އޮސްކާ ބުރޫޒަން ބުނެފިއެވެ.
އޭއެފްސީ ކަޕުގެ ގުރޫޕް އީގައި މިއަދު އިންޑިޔާގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް ނިކުންނަ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނިއުގެ ކޯޗު ބުނީ ޚާއްޞަކޮށް މިސީޒަންގައި ބެންގަލޫރުގެ ދަނޑުގައި އިދިކޮޅު ޓީމްތަކަށް ނަތީޖާއެއް ހޯދަން އުނދަގޫކަމަށެވެ. ކުރިން އިންޑިޔާގެ މުމްބާއި އެފްސީގެ ކޯޗަކަށް ހުރި އޮސްކާ ބުނީ ބެންގަލޫރު އެފްސީ އޭނާއަށް ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށާއި، އެމީހުން ވަރަށް ރަނގަޅު ޓީމެއް ބިނާކޮށްފައިވާކަމަށެވެ.
ބެންގަލޫރުގެ ސްކޮޑުގެ ކޮންމެ ދިމާލަކަށް ބެލިނަމަވެސް މެޗެއްގެ ނަތިޖާ ބަދަލުކުރެވޭ ކުޅުންތެރިން ތިބިކަން ފާހަގަކުރަމުން އޮސްކާ ބުނީ ބެންގަލޫރުގެ ސެޓްޕީސްތަކަކީ މެޗެއްގައި އިދިކޮޅު ޓީމުން ޚާއްޞަކޮށް ސަމާލުވާންޖެހޭ އެންމެ މުހިންމު ކަންތައްކަމަށެވެ.
ނިއުރޭޑިއަންޓުގެ ކޯޗުކަމުގައި ވޭތުވެދިޔަ އަށްމަސް ދުވަހުގެ ތެރޭގައި ނިއުރޭޑިއަންޓް ބާވީސް މެޗުން މޮޅުކޮށްދީފައިވާ ކޯޗު ބުނީ މީއީ ރަނގަޅު ރެކޯޑެއްކަމަށާއި މިރެކޯޑް ދަމަހައްޓަންވެސް ކުޅުންތެރިން ތިބީ ހުރިހާ ގޮތަކަށް ތައްޔާރަކަމަށެވެ.
" ބެންގަލޫރު ޓީމުން އަހަންނަ ފެންނަނީ ވަރަށް ވަރުގަދަ ސްކޮޑެއް. ހުރިހާ ދިމާލެއްގައި އެބަތިބި ވަރުގަދަ ކުޅުންތެރިން. މިއީކީ އެހާ ފަސޭހަ ދަނޑެއްނޫން ނަތީޖާނެރެން. ހާއްސަކޮށް މިސީޒަންގައި އިދިކޮޅު ޓީމްތަކުން މިދަނޑުގައި ޕޮއިންޓެއް ހޯދަންވެސް އުދަނގޫ." ކޯޗު އޮސްކާ ބުންޏެވެ.
މެޗާ ގުޅޭގޮތުން ބެންގަލޫރު އެފްސީގެ ކޯޗު އަލްބާޓޯ ރޮކާ ބުނީ އޭނާއަށް ހަމަހަމަ ފުރިހަމަ ސްކޮޑެއް ލިބިފަ އޮތުން އެއީ މެޗަން ނުކުންނަ އިރު ލިބިގެންދާ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ. އޭނާ ބުނީ މިހާތަނަށް މިސީޒަންގައި ކުޅުނު މެޗުތަކުގައި ޓީމްގެ ތިބި ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފަވާނެ ކަމަށާއި، އޭނާގެ ބޭނުމަކީ ކޮންމެ ހާލަތަކަށްވެސް ކުޅުންތެރިން ތައްޔާރުކުރުން ކަމަށެވެ. އޭނާ ބުނީ ނިއުގެ ފޯވާޑްލައިން ކިތަންމެ ނުރައްކާތެރި ނަމަވެސް އޭނާގެ އަމާޒަކީ މެޗުން މޮޅުވުންކަމަށެވެ. އެހެންނަމެވެސް މިމެޗާ ކުރިމަތިލާއިރު އެންމެ ފޯމުގައި އޮތް ޓީމަކީ ނިއުރޭޑިއަންޓް ކަމަށާއި އެޓީމު ބަލިކުރަން އެހާ ފަސޭހަނުވާނެކަމަށް ރޮކާ ބުންޏެވެ.
" އަހަރެމެން ވަރަށް ގިނަ މެޗުތައް މިސީޒަންގައި މިހާތަނަށް ކުޅެފިން. ވަރަށް ގިނަ ޒުވާން ކުޅުންތެރިން އަހަރެމެން މެޗުތަކުގައި އެބަބޭނުން ކުރަން. ރަނގަޅު ވަރުގަދަ، ޒުވާން ކުޅުންތެރިން ގިނަ ސްކޮޑެއް އޮތުން އެއީ އަހަންނަ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން." ބެންގަލޫރު ކޯޗު ބުންޏެވެ.
މެޗާ ކުރިމަތިލާއިރު ގުރޫޕް ސްޓޭޖްގެ ކުޅުނު ދެމެޗުވެސް ދެޓީމް ވަނީ ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދާފައެވެ. ބެންގަލޫރު ވަނީ މިއަހަރުގެ އޭއެފްސީކަޕުގެ ޕްލޭއޯފްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް ދެލެގުންވެސް ކުރި ހޯދާފައެވެ.
އޭއެފްސީކަޕްގައި ބެންގަލޫރު އެފްސީއާއި ނިއުރޭޑިއަންޓް ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑި 19:30 ގައެވެ. މިމެޗު ޔެސް ޓީވީއާއި ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.