ކުޅިވަރު

ފަހުވަގުތުގެ ޕެނަލްޓީން ރެއާލް ސެމީއަށް


މެޗުގެ ފަހު ސިކުންތުކޮޅުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް 4-3ގެ އެގްރިގޭޓުން އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލް ދެވަނަ ލެގުގައި ރޭ ރެއާލް މެޑްރިޑުގެ ދަނޑުގައި ކުޅުނު މެޗު ޔުވެންޓަސް 3-1 ން ކާމިޔާބުކުރި ނަމަވެސް ރެއާލްއަށް ސެމީގެ ޖާގަ ލިބުނީ ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު 4-3 ން ރެއާލްއަށް ކުރި ލިބުމުންނެވެ.
ޔުވެންޓަސްގެ ކީޕަރު އަދި ކެޕްޓަން ޖިއާން ލުއިޖީ ބުފަންގެ ޗެމްޕިއަންސް ލީގުގެ ފަހު މެޗަށްވި މި މެޗުގައި އޭނާ އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލީ ރެފްރީންދިން ޕެނަލްޓީއާމެދު ހިތްހަމަނުޖެހުން ފާޅުކޮށްގެންނެވެ. ނަމަވެސް ބުފޮން ދަނޑުން ފައިބައިގެންދިޔަ ވަގުތު އޭނާއަށް ރެއާލް މެޑްރިޑުގެ ދަނޑަށް މެޗު ބަލަން ވަދެތިބި އަށްޑިހަ ހާސް މީހުން ވަނީ އިޚުތިރާމް އަދާކޮށްފައެވެ. އެއީ މިހާތަނަށް ކެރިއަރުގައި ހޯދާފައިވާ ކާމީޔާބީތަކަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ.
މިއީ މި ސީޒަނަށް ފަހު ކުޅުން ހުއްޓާލަން ނިންމާފައިވާ ކީޕަރު ޗެމްޕިއަންސް ލީގުގައި ކުޅުނު 117 މެޗުގެ ތެރެއިން ރަތްކާޑު ދެއްކި ފުރަތަމަ މެޗުވެސްމެއެވެ.
މާރިއޯ މަންޒޫކިޗްގެ ދެ ލަނޑާއި، ބްލައިސް މަތުއީދީގެ ގޯލުން ޔުވެންޓަސް ކުރި ހޯދާފައި އޮތް މެޗުގައި ލިބުނު ޕެނަލްޓީ ރެއާލްއަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނަލްޑޯއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ރެއާލްއާ އެކު ދަތުރުކޮށްފައިވަނީ ޖަރުމަނުގެ ބަޔާން މިއުނިކާއި އިޓަލީގެ ރޯމާ އަދި އިނގިރޭސިވިލާތުގެ ލިވަޕޫލްއެވެ. ސެމީ ފައިނަލުގައި ޓީމުތައް ވާދަކުރަންޖެހޭ ގޮތް ނިންމާނީ ގުރު ނަގައިގެންނެވެ.