ޔުއެފްއާ ޗެމްޕިއަންސް ލީގުން ކެޓިނަމަވެސް ސެވިއްޔާ ޓީމު ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށާއި ޓީމުގެ ކުޅުމާމެދު ބުނާނެ އިތުރުއެއްޗެއް ނެތް ކަމަށް ސެވިއްޔާގެ ކޯޗު ވިސެންޒޯ މޮންޓެލާ ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ބަޔާން އާއި ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިނަމަވެސް ސެވިއްޔާ މުބާރާތުން ކެޓީ ފުރަތަމަ ލެގުގައި ބަލިވުމުން، 2-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މެޗަށްފަހު ސެވިއްޔާގެ ކޯޗު މޮންޓެލާ ބުނީ މަސައްކަތްކުރީ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ޖަހަން ކަމަށާއި، އެކަން ހާސިލްކުރަން ރަނގަޅު ފުރުސަތުތަކެއް އޭނާގެ ޓީމުން ތަނަވަސްކުރި ކަމަށެވެ. އެހެންނަމަވެސް ބަޔާން ފަދަ ޓީމެއް އަތުން މުބާރާތުން ކެޓުމަކީ ދެރަވާންޖެހޭވަރު ކަމެއް ނޫންކަމަށާއި، ބަޔާންއަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭ ވަރުގެ ޓީމެއް ކަމަށެވެ.
ބަޔާންގެ ކޯޗު ޔުޕް ހޭންކެސް ބުނީ ކޮންމެ މެޗެއްގައި އެހާ މޮޅަށް ނުކުޅެވިދާނެ ކަމަށާއި، އެހެންނަމަވެސް ބަޔާން ކޮޅަށް ގޯލެއް ނުވަދެ ނިންމާލެވުމަކީ ލިބުނު ބޮޑު ޕޮޒިޓިވްއެއް ކަމަށެވެ. މުބާރާތުގެ ސެމީފައިނަލްގައި ދެން އޮތީވެސް ވަރަށް ވަރުގަދަ ތިން ޓީމު ކަމަށާއި ސެމީފައިނަލްގައި މިއަށްވުރެ ރަނގަޅުކުރަން ޖެހޭކަމަށް ކޯޗު ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ވާދަކުރާނީ ކޮންޓީމަކާ ކަން އިނގޭނީ މާދަމާ ގުރުއަތުލުމުންނެވެ.