ޚަބަރު

ނިއުކްލިޔަރ ތަޖުރިބާކުރުން ހުއްޓާލަން ތައްޔާރު - އުތުރު ކޮރެއާ


ނިއުކްލިޔަރ ތަޖުރިބާކުރުން ހުއްޓާލަން ތައްޔާރަށް އޮތްކަން އުތުރުކޮރެޔާއިން ހާމަކޮށްފިއެވެ. އުތުރުކޮރެޔާގެ ރަސްމީ މީޑީޔާއިން ބުނީ އިޤްތިޞާދީ ކުރިއެރުމާއި އެ ޤައުމަށް ބޭނުންވާ އަމަން އަމާންކަންފަދަ ކަންކަން ޙާޞިލުވާނެކަމުގެ ޔަޤީންކަން ލިބިއްޖެނަމަ ނިއުކްލިޔަރ ތަޖުރިބާ ކުރުން ހުއްޓާލަން ތައްޔާރަށް އޮތްކަމަށެވެ. ހަތިޔާރުގެ މައްޗަށް ޤައުމުގެ ކުރިއެރުމާއި ތަރައްޤީ އިސްކުރަން ތައްޔާރަށް އޮތްކަން އުތުރުކޮރެޔާގެ މިހާރުގެ ޒައީމް ކިމް ޖޮންގް އުންގެ ހާމަކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އުތުރުކޮރެޔާއިން ވަނީ ހަތިޔާރުގެ މައްޗަށް ޤައުމުގެ ކުރިއެރުމާއި ތަރައްޤީ އިސްކުރަން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. މިކަމަށްޓަކައި އުތުރުކޮރެޔާގެ ނިއުކްލިއަރ ޕްރޮގްރާމް މަދަނީ ޕްރޮގްރާމަކަށް ބަދަލުކުރުމުގެ މަޝްވަރާތަކެއް އެމެރިކާ އާއި އުތުރުކޮރެޔާއާ ދެމެދު ކުރެވި އެއްބަސްވުމަކަށް އައިސް އެކަމާބެހޭ ބައެއްކަންކަން ދެފަރާތުންވެސް ތަންފީޒުކޮށްފައިވެއެވެ.

ނަމަވެސް އިޤުތިޞާދީގޮތުން އުތުރުކޮރެޔާ އެދުނު ކަންކަމުގެ ތެރެއިން ގިނަ ކަންކަމަށް އެމެރިކާއިން އިޖާބަނުދިނުމުގެ ސަބަބުން އުތުރުކޮރެއާ ވަނީ އަލުން އެ ޤައުމުގެ އަސްކަރީ ޕްރޮގްރާމު ދިރުވައި، ނިއުކްލިޔަރ ހަތިޔާރުވެސް ތަޖުރިބާކޮށްފައެވެ. މިގޮތުން އެމެރިކާއަށް އަސްކަރީބާރު ދައްކާލުމަށްޓަކައި އުތުރުކޮރެޔާއިން ނުވަ ފަހަރެއްގެ މަތިން ނިއުކްލިޔަރ ހަތިޔާރު ތަޖްރިބާކޮށްފައިވެއެވެ.

އަދި ގިނަ ޢަދަދެއްގެ ދުރު ރާސްތާގެ ބެލިސްޓިކް މިސައިލް އުތުރު ކޮރެއާއިން ތަޖުރިބާކޮށްފައިވެއެވެ. ބާރު ދައްކާލުމަށްފަހު އުތުރުކޮރެޔާއިން މި ވަނީ، އަނެއްކާވެސް ހަތިޔާރުގެ މައްޗަށް އެ ޤައުމުގެ ކުރިއެރުމާއި ތަރައްޤީ އިސްކުރަން ތައްޔާރަށް އޮތްކަން ހާމަކޮށް، ނިއުކްލިޔަރ ތަޖުރިބާކުރުން ހުއްޓާލަން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. އުތުރުކޮރެޔާގެ ރަސްމީ މީޑީޔާއިން ބުނީ އިޤްތިޞާދީ ކުރިއެރުމާއި އަމަން އަމާންކަންފަދަ އެ ޤައުމަށް ބޭނުންވާ ކަންކަން ޙާސިލްވާނެކަމުގެ ޔަޤީންކަން ލިބިއްޖެނަމަ ނިއުކްލިޔަރ ތަޖުރިބާތައް ހުއްޓާލަން އޮތީ ތައްޔާރަށެވެ.

މިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ނިއުކްލިޔަރ ހަތިޔާރު ތަޖްރިބާކުރާ އެއް ސައިޓް މިހާރު ބަންދުކޮށްފައިވާނެކަންވެސް އެ ޤައުމުން ހާމަކޮށްފައިވެއެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުތުރު ކޮރެއާއިން ނިއުކްލިޔަރ ހަތިޔާރު ނައްތާލައި އެ ޤައުމުގެ ނިއުކްލިޔަރ ޕްރޮގްރާމް މަދަނީ ޕްރޮގްރާމަކަށް ބަދަލުކޮށްލުމަކީ އުތުރު ކޮރެއާގެ ޒައީމު ކިމް ޖޮންގް އުންއާއެކު ބާއްވާ ސަމިޓް ބައްދަލުވުމުގެ މައި ލަނޑުދަނޑިކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ޓްރަމްޕް ވަނީ އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުންއާއެކު ބާއްވާ ސަމިޓްގައި އުތުރު ކޮރެއާއިން ނިއުކްލިޔަރ ހަތިޔާރު ނައްތާލައި އެ ޤައުމުގެ ނިއުކްލިޔަރ ޕްރޮގްރާމް މަދަނީ ޕްރޮގްރާމަކަށް ބަދަލުކުރަން އެއްބަސްނުވާނަމަ، ސަމިޓް ދޫކުރައްވައި ވަޑައިގަންނަވާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ. މި ކަން އުތުރުކޮރެޔާއަށް ވިސްނައިދިނުމަށްޓަކައި ސީ.އައި.އޭ.ގެ ވެރިޔާ މައިކް ޕޮމްޕެއޯ ދާދިފަހުން އުތުރު ކޮރެޔާއަށް ފޮނުއްވިކަންވެސް ޓްރަމްޕް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.