އިނގިރޭސި އެފްއޭކަޕް ފައިނަލަށް ޗެލްސީ ހޮވުނު ނަމަވެސް އެންމެ އިސް ޓާގެޓަކީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދުން ކަމަށް ޗެލްސީން ބުނެފި އެވެ.
ސެމީ ފައިނަލުގައި 2-0 ން ސައުތެމްޓަން ބަލިކޮށް، ފައިނަލަށް ދިޔަ މެޗަށް ފަހު ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އޭނާގެ ޓީމު އޮތީ ވަކި މުބާރާތަކަށް ހާއްސަ ވެވޭވަރަށްވުރެ ނާޒުކު ހާލަތެއްގައި ކަމަށެވެ. އޭނާ މިހެން ބުނީ އިނގިރޭސި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން މި ސީޒަން ނިމެން ހަތަރު މެޗަށްވީއިރު ފަސް ވަނާގައި އޮތުމުންނެވެ. ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.
"އަހަރުމެން މި ތިބީ އެފްއޭކަޕް ނުވަތަ ލީގު ޕްރިއޮރެޓައިޒް ކުރެވޭ ފަދަ ހާލަތެއްގައެއްނޫން. އަހަރުމެން ބޭނުންވަނީ ޗެމްޕިއަންސް ލީގު ކުޅެން. އެ ޖާގަ ލިބެން އޮތީ ކުރިއަށް ހުރި ކޮންމެ މެޗެއްގައި ތިން ޕޮއިންޓް ހޯދައިގެން. އެއީ ވެސް އެހެން ޓީމުތަކުން ނެރޭނެ ނަތީޖާއިން ލިބޭނެ ފުރުސަތެއް،" ކޮންޓޭ ބުންޏެވެ.
އަލްވާރޯ މޮރާޓާ އާއި އޮލީވިއާ ޖީރޫޑް ޖެހި ގޯލުތަކުން މޮޅުވުމުން ޗެލްސީ އެފްއޭކަޕް ފައިނަލްގައި ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. މިއީ ޗެލްސީގެ ކުރީގެ ކޯޗު އަދި އެ ޓީމުގެ އެންމެ ކާމިޔާބު ކޯޗު ހޯސޭ މޮރީނިއޯއާ ދެކޮޅަށް ޗެލްސީ ނުކުންނަ ފޯރިގަދަ މެޗަކަށް ވެގެންދާނެ އެވެ.