ޚަބަރު

ރިޔާސީ އިންތިޚާބަށް އައްޑޫ ސިޓީ ތައްޔާރުވަނީ


ރިޔާސީ އިންތިޚަބަށް ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި އައްޑޫ ސިޓީގައި ޚާއްޞަ ވޯކްޝޮޕްތަކެއް ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަނުންދަނީ އިންތިޚާބާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރަމްތައް ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަމާޒުކޮށްގެން ކުރިއަށްގެންދަމުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކާ ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ޚާއްސަ އެއް ޙަރަކާތަކީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެވެ. މި ޕްރޮގްރާމް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކޮމިޝަނުން ކުރިއަށް ގެންދާއިރު އައްޑު ސިޓީގައި މި ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ ހިތަދޫގައެވެ.

އިންތިޚާބާ ގުޅެގޮތުން ޢާއްމުނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމާތު ޙިއްސާކޮށް އިންތިޚާބު ބޭއްވުމުގައި ކޮމިޝަނުން ކަންތައްތައް ކުރާ ގޮތްތަކާއި ކޮމިޝަންގެ މައްޗަށް ޤާނޫނު އަސާސީ ލާޒިމްކުރާ ކަންކަން ހިތަދޫ ވަރކްޝޮޕްގައި ބައިވެރިވި މީހުންނަށް ކިޔައިދީފައިވެއެވެ. އިލެކްޝަންސް ކޮމިޝަނާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި 87 މީހަކުބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ޢާއްމު ރައްޔިތުންނާއި އައްޑޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުގެ އެކި ފަރާތްތަކުންވެސް ވަނީ ބައިވެރިވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ އައްޑޫގައި ކުރިއަށްގެންދިޔަ ވަރކްޝޮޕަކީ އައްޑޫ ސިޓީގައި މިހާތަނަށް އެކޮމިޝަނުން ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ކާމިޔަބު ވަރކްޝޮޕްކަމަށެވެ.

"މި އެވެއަރނަސް ޕްރޮގްރާމް ނިމިގެންދާއިރު ރިޔާސީ އިންތިޚާބާ ބެހޭގޮތުން ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލަކާއި ބޭނުންވާ ހުރިހާ މަޢުލޫމާތެއް ލިބިގެންދާނެ."

އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އައްޑޫ ސިޓީގެ ރަށްރަށުގައި ޢާއްމުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ވަރކްޝޮޕްތައް އައްޑޫސިޓީ ފޭދޫއާއި ހުޅުދޫގައިބޭއްވުމަށް ހަމަޖެހިފައިވާރު މި ޕްރޮގްރާމްތަކުގައި އައްޑޫގެ ހުރިހާ ރަށެއްގެ ރައްޔިތުން ބައިވެރިކޮށް މަޢުލޫމާތުދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި އައްޑޫގައި މަތީސާނަވީއަށް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެންވެސް ސެޝަންތަކެއް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެސެޝަން ތަކުގެ ސަބަބުން އެކުދިންނަށާއި ޤައުމުގެ މުސްތަޤުބަލަށް ފައިދާކުރާނެކަމަށެވެ.

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރާއްޖޭގެ އެކިރަށްރަށަށް މަޢުލޫމަތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ ދަތުރުގައި ވަނީ އައްޑޫ ސިޓީގެ ފުލުހުންނާއި ސިޓީ ކައުންސިލްގެ މެމްބަރުންނާވެސް ބައްދަލުކޮށްފައެވެ. މިއީ ވަރަށް ކާމިޔާބު، ނަތީޖާ ނެރެވޭނެ ބައްދަލުވުންތަކަށް ވެގެންގޮސްފައިވާކަން އެކޮމިޝަނުން ފާހަގަކުރެއެވެ.