ޚަބަރު

އެމްބެސެޑަރުންގެ 3 ވަނަ މަސައްކަތު ބައްދަލުވުން ފަށައިފި


ޤައުމުތަކުގެ ސަފީރުންނަށް އަމާޒުކޮށްގެން ޚާރިޖީ ވުޒާރާއިން ބާއްވާ ސަފީރުން ނުވަތަ އެމްބެސެޑަރުންގެ ސިލްސިލާ މަސައްކަތު ބައްދަލުވުމުގެ ތިންވަނަ ބައްދަލުވުން ފަށައިފިއެވެ.

ތިންވަނަ އެންބެސެޑަރުންގެ ވޯކްޝޮޕްގެ މިއަހަރުގެ މަޢުޟޫޢަކީ "ޑިވެލޮޕިންގ ސަސްޓެއިނަބަލީ ޝެއަރިންގް އެކްސްޕީރިއަންސަސް، ސީކިން ސޮލިއުޝަންސް" ނުވަތަ ދެމެހެއްޓެވިނި ގޮތުގައި ތަރައްޤީވުން އެކުގައި ތަޖުރިބާ ޙިއްސާކުރުމާއި ޙައްލުހޯދުމެވެ. ކުރުނބާ މޯލްޑިވްސްގައި ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވަނީ 9 އެމްބެސެޑަރުންނެވެ. މިމަހުގެ 27 އިން 30 އަށް ބާއްވާ މިބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ޙާސިލްކުރުމާއިބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ.

މިބައްދަލުވުން ފަށްޓަވާދެއްވާ ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޑރ.މުހައްމަދު އާސިމް ވިދާޅުވީ ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ތަރައްޤީގެ ދުވެލި އެތައް ގުނައެއް އިތުރު ވެފައިވާކަމަށެވެ.

މީގެ އިތުރުން، ތަރައްޤިވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ރޯލު އދ.ގައި އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިހާތަނަށް އދ.ގެ ގޮނޑިއެއް ކުދިޖަޒީރާ ޤައުމަކުން ތަމްސީލުކޮށްފައިވަނީ އެންމެ އަށް ފަހަރު ކަމަށެވެ. ޑރ.އާސިމް ވިދާޅުވީ، އދ.ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ދުނިޔޭގެ އެހެން ޤައުމުތަކުގެ ތަރުހީބާއި އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

މިފަހަރުގެ އެމްބެސެޑަރުންގެ ބައްދަލުވުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރާއްޖެއިން އދ.އަށް ކަނޑައަޅާފައިހުންނަ ދާއިމީ މަންދޫބު ޑރ.ޢަލީ ނަސީރު މުޙައްމަދު ވިދާޅުވީ މި ބައްދަލުވުމަކީ ރާއްޖެއިން އދ.ގެ ގޮނޑިއަކަށް ކުރަމުންދާ ކެމްޕެއިނަށް ވަރަށް މުހިއްމު ކުރިއެރުންތަކެއް ލިބިގެންދާނެ ބައްދަލުވުމަކަށެވެ. މިފަހަރުގެ ބައްދަލުވުމުގައި ތިން ދާއިރާއަކުން މަޝްވަރާ ކުރެވޭނެ ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

އޭގެތެރޭގައި ރާއްޖޭގައި ކުރަމުންދާ ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާ ހިމެނެއެވެ. މީގެއިތުރުން، އެހެން ޤައުމުތަކުގައި ކުރާ ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރެވިދާނެކަންތަތަކާ ގުޅޭ ގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.