ކުޅިވަރު

އަހަރެންގެ ވަޒީފާ ދެމިއޮތުމާއި ޗެމްޕިއަންސްލީގު ތަށްޓާ ގުޅުމެއްނެތް: ޒިދާން


ރެއާލް މެޑްރިޑުގެ ކޯޗުކަމުގައި އޭނާ ދެމިހުރުން ގުޅިފައިވަނީ ޗެމްޕިއަންސް ލީގު ތަށި ލިބިގެން ކަމަށް ދެކެވޭ ވާހަކަ ކޯޗު ޒައިނުއްދީން ޒިދާން ދޮގުކޮށްފިއެވެ.

ފާއިތުވެދިޔަ ދެ އަހަރު ބަލިނުވެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ނަމަވެސް ސްޕެނިޝް ލީގުގައި ބާސެލޯނާ އަށްވުރެ 15 ޕޮއިންޓް ފަހަތަށް ދިއުމުން ޒިދާންގެ މަޤާމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
"އެއީ ވަރަށް މިނިވަންކޮށް އޮތް ކަމެއް. އަހަރެންގެ ވަޒީފާ އޮތީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާ ގުޅިފައެއްނޫން. މީހުން އެގޮތަށް ވިސްނި ނަމަވެސް އަހަރެން ނުވިސްނަން ވަކި ކަމަކާ ނުވަތަ ވަކި މެޗަކާ އަހަރެންގެ ވަޒީފާ ގުޅިފައި އޮތް ކަމަށް،" ރެއާލްގެ ކުރީގެ މިޑްފީލްޑަރު ބުންޏެވެ.

ފާއިތުވެދިޔަ ދެ އަހަރު ހޯދި ތަށި ދިފާއު ކުރުމަށް ރެއާލް މި ފަހަރު ފައިނަލަށް ދިއުމަށް ސެމީ ފައިނަލްގެ ފަހު ލެގުގައި މިރޭ ވާދަކުރާނީ ޖަރުމަނުގެ ބަޔާން މިއުނިކާ އެވެ. މި ދެ ޓީމުގެ ފުރަތަމަ މެޗުން ރެއާލް މޮޅުވީ 2-1 ނެވެ.
މި މެޗަށް ނުކުންނައިރު ރެއާލް މިޑްފީލްޑަރު ލޫކަސް ވަޒްކުއޭޒަށް ވަނީ ހާނިއްކަވެފައެވެ. އޭނާއަށް ނުކުޅެވުނަސް އެ މަޤާމު ފޫބައްދާނެ ކުޅުންތެރިން އެބަތިބި ކަމަށާއި، ވޭލްސްގެ އަގުބޮޑު މިޑްފީލްޑަރު ގެރެތް ބޭލްއަށް ވެސް ޓީމުގައި ކުރިމަގު އެބައޮތް ކަމަށް ޒިދާން ވަނީ ބުނެފައެވެ.

ބަޔާން މިއުނިކް މި މެޗަށް ނުކުންނާނީ އާޔެން ރޮބެން ނުލައެވެ. ރެއާލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި އަނިޔާވެގެން ބާލަން ޖެހުނު ކުޅުންތެރިޔާގެ އަނިޔާ އަދިވެސް ރަނގަޅެއްނުވެއެވެ. ނަމަވެސް ޑޭވިޑް އަލާބާ އާއި ހާވިއާ މާޓިނޭޒް ވަނީ މި މެޗަށް ފިޓްވެފައެވެ.
ބަޔާންގެ ކޯޗު ޔަޕް ހެއިންކެސް ބުނީ ފުރަތަމަ މެޗުގައި ގޯސްތަކެއް ހެދިގެން ރެއާލް އަތުން ބަލިވި ނަމަވެސް އޭނާ އަށް ޕޮޒިޓިވް ކަންތައްތައް ފެނުނު ކަމަށާއި، އަމިއްލަ މިސްޓޭކް މަދުކޮށްފިނަމަ މެޗު ކާމިޔާބު ކުރެވިދާނެ ކަމަށެވެ.