ޚަބަރު

މަސްވެރިކަމަށް ޒުވާނުން ނެރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ މީޑިއާ ޕާރޓްނަރަކަށް ޕީއެސްއެމް


ދޮށީގެ މަސްވެރިކަމަށް ޒުވާނުން ތަމުރީން ކުރުމަށް ގެމަނަފުށީ މަސްވެރިންގެ ޖަމްއިއްޔާއިން ކުރިއަށްގެންދާ ޕްރޮގްރާމްގެ މީޑިއާ ޕާރޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާ މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއަދު ހަވީރު ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލެވެ. އަދި ގެމަނަފުށީ މަސްވެރިންގެ ޖަމްއިއްޔާއިން ސޮއިކުރެއްވީ އެ ޖަމްއިއްޔާގެ ފައުންޑަރ އަޙުމަދު ޝާފިއުއެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލު ވިދާޅުވީ، މަސްވެރިކަން ކުރިއެރުވުމަށް ޕީއެސްއެމް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް މިދާއިރާ އާއި ގުޅުންހުރި އެކިއެކި ޕްރޮގްރާމްތަކާއި ޑޮކިއުމެންޓްރީތައް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭނެކަމަށެވެ. އަދި ޒުވާނުން މަސްވެރިކަމުގެ ތެރެއަށް ވެއްދުމަށް ގެމަނަފުށީ މަސްވެރިންގެ ޖަމްއިއްޔާއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެޖަމްއިއްޔާއަށް ހިއްވަރުދެއްވިއެވެ.
" އަޅުގަނޑުމެން މިހާރުވެސް ވަރަށް ގިނަ ކަންތައްތަކެއް ރާވާފައިވާނީ ރާއްޖޭގެ މަސްވެރިކަން ދިރުވާ އާލާ ކުރުމަށް ދިވެހި ސަރުކާރުން އަދި މަސްވެރިކަމާބެހޭ މިނިސްޓްރީން ހިންގަވާ ހަރަކާތްތަކުގައި އަޅުގަނޑުމެން މިހާރަށްވުރެ ބޮޑަށް ބައިވެރިވެ އަދި ވަކިން ޚާއްޞަކޮށް ޖަމްއިއްޔާ ޖަމާއަތްތަކުން ހިންގާ ހަރަކާތްތަކުގައިވެސް އަޅުގަނޑުމެން ބައިވެރިވެ މިހާރަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ޕްރޮގްރާމްތައް މަސްވެރިކަމަށް އަމާޒުކުރުން." މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއް ލަތީފް ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއަށް މަތީ ތައުލީމް ހާސިލްކޮށްގެންތިބި ޒުވާނުން ވަންނަމުން ދިއުމަކީ މިދާއިރާއަށް ޒުވާނުންނަށް ލިބޭ ބޮޑު ހިއްވަރެއް ކަމަށެވެ.
"ކިޔަވައިން ތިއްބެވި ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމް ހާސިލުކުރައްވައިގެންވެސް އެ ދާއިރާތަކުގެ މަސައްކަތައްވުރެ ބޮޑަށް މަސްވެރިކަމަށް އަހަމިއްޔަތުކަން ދެއްވައިގެން މަހަށް ވަޑައިގަންނަވާ ނުވަތަ މަސްވެރިކަމުގަ އުޅުއްވާ ބޭފުޅުން މި ޖަމްއިއްޔާގައި އެބަތިއްބެވި. އެހެންވީމަ އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖޭގައި އޭލެވެލް ހަދައިން އޯލެވެލް ހަދައިގެން ޑިޕްލޮމާ ނުވަތަ ޑިގްރީތަކަށް ކިޔަވައިގެން އެކި ދާއިރާތަކުން ފާސްވާ ޒުވާނުންނަށްވެސް ނަމޫނާތަކޭ. ދެން އެދާއިރާތަކުން ޤައުމަށް ހިދުމަތްކުރުމުގެ އިތުރަށް މަހަށްގޮސް މަސްވެރިކަމުގެ ފައިދާ ތަޢުލީމީ ޒުވާނުންނަށްވެސް ހޯދޭނެ މަގު އޮތްކަން އެބޭފުޅުން އެ ދައްކަވަނީ. އެހެންވީމަ އަޅުގަނޑުމެންނަށް ފެނުނީ ވަރަށް ރަނގަޅު ކަމެއްކަމެއް ކަމަށް މީ މަސްވެރިކަން މުޅިން އާ ވިސްނުމަކުން ނުވަތަ މުޅިން އާ އެންގަލަކުން ރައްޔިތުންނާ ހަމައަށް ގެނެސްދޭން." ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއް ލަތީފް ވިދާޅުވިއެވެ.

ގެމަނަފުށީ މަސްވެރިންގެ ޖަމްއިއްޔާގެ ފައުންޑަރ އަޙުމަދު ޝާފިއު ވިދާޅުވީ، ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ނެރުމަށް އެ ޖަމްއިއްޔާއިން ކުރަމުންދާ މަސައްކަތުގައި ޕީއެސްއެމް ބައިވެރިވުމަކީ މި ޕްރޮގްރާމް އިތުރަށް ފުޅާ ކުރުމަށް ލިބޭނެ ހިއްވަރެއްކަމަށެވެ. އަދި މި ޕްރޮގްރާމްގެ އެންމެ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ޕީއެސްއެމް މެދުވެރިކޮށް ފޯރުކޮށްދެވޭނެކަން ޔަޤީން ކުރާކަމަށް ޝާފިއު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިކުރާ މަސައްކަތްތައް ޕީއެސްއެމް މެދުވެރިކޮށް ރާއްޖޭގެ އެކިކަންކޮޅުތަކަށް ގެނެސްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވާކަމެއް. މިފުރުޞަތުގައި އަޅުގަނޑުމެން ޕީއެސްއެމަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން ބޭނުންވޭ. އެއީ އަޅުގަނޑުމެން މިކުރާ މަސައްކަތްތައް ފުޅާކޮށް އިތުރު ހަރުފަތްތަކަކަށް ގެންދަން. އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި މިފަދަ ތަފާތު ޕްރޮގްރާމްތައް އަޅުގަނޑުމެން ރާވާ ހިންގާނަން. އަދި ރާއްޖޭގައި މިހާތަނަށް ދޮށީގެ މަސްވެރިކަމަށް މީހުން ޤަބޫލުވެސް ނުކުރާ ކަހަލަ ސަޕްރައިޒިން ހަރަކާތްތަކެއް އަޅުގަނޑުމެން ރާވާ ހިންގާނަން." އަޙުމަދު ޝާފިއު ވިދާޅުވިއެވެ.

ދޮށީގެ މަސްވެރިކަމަށް ޒުވާނުން ތަމުރީން ކުރުމުގެ ޕްރޮގްރާމްމަކީ ޒުވާނުން މިދާއިރާއަށް ނެރުމަށްޓަކައި މަސްވެރިކަމުގައި އާންމުކޮށް ހަރަކާތްތެރިނުވާ ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރު މިދިޔަ މަހު ނިމިފައިވާއިރު މިމަހުގެ ފަހުކުޅު މި ޕްރޮގްރާމްގެ ދެވަނަ ބުރު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް ގެމަނަފުށީ މަސްވެރިންގެ ޖަމްއިއްޔާއިން ބުނެއެވެ. މިޕްރޮގްރާމްގެ ދަށުން ހަފްތާއެއް ވަންދެން މަހަށް ދިއުމުގެ ފުރުޞަތު ލިބޭއިރު އެހަފްތާގައި އާދައިގެ ފަޅުވެރިއަކަށް ލިބޭ ވަރަށް އާމްދަނީވެސް އެ ބައިވެރިންނަށް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.