ކުޅިވަރު

ރޯމާ ކަޓުވާލައި ރެއާލްއާ ދެކޮޅަށް ލިވަޕޫލް


އޭސް ރޯމާ 7-6 ން ބަލިކޮށް، ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ރެއާލް މެޑްރިޑާ ވާދަކުރާނެ ޓީމަކަށް ލިވަޕޫލް ހޮވިއްޖެއެވެ.

އިނގިރޭސިވިލާތުގެ ލިވަޕޫލް ފައިނަލަށް ދިޔައީ އިޓަލީގެ ރޯމުގައި ރޭ ކުޅުނު މެޗު 4-2 ން ބަލިވި ނަމަވެސް ދެ މެޗުގެ އެގްރިގޭޓުން 7-6 ން ކުރި ލިބުމުންނެވެ.
މިއީ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ލިވަޕޫލް 2007ގެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ތަށި ހޯދީ 2005 ވަނަ އަހަރު ސްޓީވަން ޖެރާޑްގެ ކެޕްޓަންކަމުގެ ދަށުގައި އިޓަލީގެ އޭސީމިލާން ބަލިކޮށްގެންނެވެ. އަދި މިއީ ޔާގެން ކްލޮޕް ޓީމާ ހަވާލުވިތާ ތިން އަހަރުތެރޭގައި ލިވަޕޫލް ކުޅޭ ޔޫރަޕުގެ ދެ ވަނަ ފައިނަލެވެ. 2016 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި ލިވަޕޫލް ބަލިވީ ސްޕޭނުގެ ސެވިއްޔާ އަތުންނެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުން އަށް ވަނަ ފަހަރަށް ޖާގަ ހޯދި ލިވަޕޫލާ ދެކޮޅަށް ފައިނަލުގައި ކުޅޭ ރެއާލް މެޑްރިޑަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ޖުމުލަ 12 ފަހަރު އެ މީހުން ތަށި ހޯދިއިރު އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ވެސް ރެއާލްއެވެ.
ލިވަޕޫލާއި – ރެއާލް ކުޅޭ ފައިނަލް މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ކިއޭވްގަ އެވެ.