ޚަބަރު

އޭޑީކޭ ހޮސްޕިޓަލުގެ ޚިދުމަތުގެ މައުލޫމާތު ފޯރުކޮށްދޭ ރޮބަޓެއް ތަޢާރަފްކޮށްފި


ފޯނު މެދުވެރިކޮށް އޭޑީކޭ ހޮސްޕިޓަލުގެ ޚިދުމަތުގެ މަޢުލޫމާތު ފޯރުކޮށްދޭ އާރޓިފިޝަލް އިންޓެލިޖަންސް ރޮބަޓެއް ތައަރަފްކޮށްފިއެވެ.

ވައިބަރ އަދި ޓެލެގްރާމް މެދުވެރިކޮށް ބޭނުންކުރެވޭ މި އޭއައި ރޮބޮޓު ބޭނުންކުރުމަށް #އާސްކްއޭޑީ ޖަހައިގެން މިރޮބޮޓުގެ ޚިދުމަތް އާންމުނަށް މިހާރު ލިބެމުންދާނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ހޮސްޕިޓަލްކަމުގައިވާ އޭޑީކޭއަކީ އެންމެ ފަހުގެ ގިނަ ވަސީލަތްތަކައެކު ގިނަ ޚިދުމަތްތަކެއް ރާއްޖޭގެ ސިއްޙީ ދާއިރާއަށް ތަޢާރަފްކުރަމުންދާ ހޮސްޕިޓަލެއްކެވެ. މިގޮތުން އޭޑީކޭއިން މިފަހަރު މިވަނީ އާރޓިފިޝަލް އިންޓެލިޖެންސް ރޮބަޓެއް ތަޢާރަފްކޮށްފައެވެ. މިރޮބޮޓު އިންސްޓޯލްކުރުމަށްޓަކާ ކިއު އާރު ކޯޑް ސްކޭންކޮށްލައިގެން ފަސޭހައިން އޭއައި ރޮބަޓު އަޅާލެވޭނެއެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލް ވިދާޅުވީ މިއެޕް މެދުވެރިކޮށް ޑޮކްޓަރުންގެ ޑިއުޓީ ބަލާލުމާއި އެޕޮއިންޓްމަންޓު ހެދުމާއި ނަންބަރު ބަލާލުމާއި އެހެނިހެން ޚިދުމަތްތައްވެސް ލިބޭނެކަމަށެވެ.

"
"އަޅުގަނޑުމެން މިހާރު ތަޢާރަފްކުރި މި ރޮބޮޓަކީ، ނުވަތަ #އާސްކް އޭޑީކޭ ގެ ބޭނުމަކީ ވައިބަރ އާއި ޓެލެގްރާމް މެދުވެރިކޮށް، އޭޑީކޭއިން ލިބޭ ޚިދުމަތްތަކުގެ މަޢުލޫމާތު އާންމުނަށް ފަސޭހައިން ލިބޭނެގޮތް ހަމަޖައްސާދިނުން. މިއޭއައި ރޮބޮޓަކީ ވަރަށް ރަހުމަތްތެރި އެއްޗެއް. އަޅުގަނޑުމެންގެ ޑޮކްޓަރ އެޕޮއިންޓްމަންޓާ، މެމޯ ހެއްދުމާ، އެމްއާރު އައި އަދި އެހެނިހެން ހިދުމަތްތައް ހޯދުމަށް ބޭނުންވާ މަޢުލޫމަތު ވަރަށް ފަސޭހައިން، އަވަހަށް ލިބިގެންދާނެ. މިއޭއައި ރޮބޮޓު ޓެލެގްރާމްގައި އިންސްޓޯލްކުރެވޭނެ، އަދި ވައިބަރގައި ކިއުއާރުކޯޑް ރީޑްކޮށްލުމުން ރޮބޮޓު އިންސްޓޯލް ވާނެ."
އަހުމަދު އައްފާލް

އައްފާލްބުނީ މިހާރު މިރޮބޮޓަށް ދެވޭނީ ބައެއް މަޢުލޫމަތުކަމުގައިވިޔަސް ގިނަ ދުވަސްވާވަރަކަށް މިރޮބޮޓުގެ އިންޓެލިޖެންސް މަތިވެ، ޕޭޝަންޓުންނާ އިންޓަރެކްޓް ކުރުން އިތުރުވާނެކަމަށެވެ. މިސާލަކަށް މިރޮބޮޓަށް ގިނަ ދުވަސްވާވަރަކުން ހޮސްޕިޓަލުން ހައްދާފައިވާ ރިޕޯޓެއް ނިމުމުން ޕޭޝަންޓާ އަމިއްލަޔަށް އިންޓަރެކްޓްކޮށް މަޢުލޫމަތު ފޯރުކޮށްދޭވަރަށް އަޕްގްރޭޑް ވާނެކަމަށްވެސް އޭނާާ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލުގެ މުވައްޒަފުންގެ މެދުގައިވެސް މިރޮބޮޓުގެ ބޭނުން އެކި ގޮތްގޮތުން ހިފޭނެ ހިސާބަށް މީތި އަޕްގްރޭޑް ވަމުންދާނެކަމަށް އޭމާ ވިދާޅުވިއެވެ.

އޭޑީކޭއިން މިރޮބޮޓް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ކިއުގައި ނުޖެހި އަވަސް ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ފާސްޓް ޓްރެކް ކައުންޓަރެއްވެސް ތަޢާރަފްކޮށްފައެވެ. އޭޑީކޭއިން ބުނީ މިކައުންޓަރުން ދޭ ޚިދުމަތްތައް އާސަންދައާއި އެހެނިހެން އިންޝުއަރެންސް ސްކީމްތަކަށް އެޕްލައި ނުވާނެކަމަށެވެ.

މީގެ އަހަރެއް ކުރިން އޭޑީކޭއިން ތަޢާރަފްކޮށްފައިވަ ކިއުބީ އެޕްލިކޭޝަނަކީވެސް އޭޑީކޭގެ ކަސްޓަމަރުންނަށް ހޮސްޕިޓަލަށް ނައިސް ކިއުނަންބަރު ނަގާ، ނަންބަރު އަރަމުންދާ ވަރު ބަލާލެވޭ އެޕެއްކަމުން، މީގެ ބޭނުން ވީހާވެސް ބޮޑަށް ހިފުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެއެވެ.